ޚަބަރު

ޕްރައިމަރީގައި އޮޅުވާލުމުގެ އަމަލެއް ހިނގައިފާނެ ކަމަށް ރައީސް ގަބޫލެއްނުކުރައްވާ!

އައިކާ ޔުނާން ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ތަމްސީލުކުރާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި އޮޅުވާލުމުގެ އެއްވެސް އަމަލެއް ހިނގާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ކޮންގްރެސް ޕާޓީގެ ޕްރައިމަރީގެ ވޯޓުލުން ފެށިގެން މިއަދު ކުރިއަށްދާއިރު އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ ވޯޓާސް ލިސްޓަށް ބަދަލު ގެނެސް އޮޅުވާލުމުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނާ ވާހަކަތަކެވެ. އެކަމާ ގުޅިގެން ބައެއް ފޮށިތަކުގައި ހަމަނުޖެހުން ވެސް ހިނގާފައިވެ އެވެ.

ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ, ވޯޓާސް ލިސްޓަށް ޕާޓީގެ ލީޑާޝިޕުން ބަދަލު ގެނައުން ކަހަލަ ކަމެއް ހިނގާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެފަދަ ކަމެއް ހިނގާފައިވެސް ނުވާ ކަމަށެވެ.

"ވޯޓާސް ލިސްޓަކަށް ބަދަލުތައް ގެނައުމަކީ އެއްވެސް ގޮތަކުން އަޅުގަނޑުމެން ގަބޫލުކުރާ ހަމައެއް ނޫން. އަޅުގަނޑުމެންގެ ތެރޭ އެކަހަލަ ކަމެއް ނުހިނގާނެ. ގަބޫލެއް ނުކުރަން އެކަހަލަ ކަމެއް ހިނގައިފާނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޕްރައިމަރީއާ ގުޅިގެން އަންނަ ހުރިހާ ޝަކުވާތަކެއް ބަލައި އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

މާލޭގެ އިތުރުން ރަށްރަށުގައި ވޯޓުލުން ހެނދުނު 10:00 ގައި ފަށާފައިވާއިރު، ވޯޓުލުން ކުރިއަށްދާނީ ހަވީރު 05:00 އާ ހަމަޔަށެވެ. ނަމަވެސް ބައެއް ފޮށިތަކުގެ ވޯޓުލާ ގަޑި ވަނީ އިތުރުކޮށްފަ އެވެ.

ޕްރޮގްރެސިވް ކޮންގްރެސް އިން ބުނެފައިވާ ގޮތުން މި  ޕްރައިމަރީގައި 73 ދާއިރާއަކަށް 71،597 މީހުންނަށް ވޯޓު ލެވޭނެެވެ. 283 ކެންޑިޑޭޓުން މި ޕްރައިމަރީގައި ވާދަކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!