ކައުންސިލްގައި އެއްވެސް މެމްބަރަކު ބަލައިނުގަންނަ ކަމެއް ނުގެންދާނަން: މާލޭ މޭޔަރު
ކައުންސިލްގެ އެއްވެސް މެމްބަރަކު ބަލައިނުގަންނަ ކަމެއް މާލެ ސިޓީއަށް ހުށަނާޅުއްވާނެ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ދާދި ފަހުން އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަމުގެ މަގާމަށް އިންތިހާބު ވެވަޑައިގެންނެވި އާޒިމް ވިދާޅުވީ، ކައުންސިލުގައި އަމިއްލަ މަސްލަހަތު އިސްނުކުރައްވާނެކަމެވެ. ކައުންސިލަށް ހުށަހަޅުއްވާނީ ރައްޔިތުންގެ ހެވާއި ލާބަޔަށް މަންފާކުރާނެ ކަންކަން ކަމަށެވެ.
އަޅުގަނޑު ކައުންސިލަށް ނުގެންދާނަން ކައުންސިލް ބޭފުޅުން ނިންމަން އުދަނގޫ އެއްޗެއް. އަޅުގަނޑުގެ އަމިއްލަ އެއްޗެއް ކައުންސިލަށް ނުގެންދާނަން.
މޭޔަރު ވިދާޅުވީ ކައުންސިލްގެ މަސައްކަތްކުރައްވަމުން ގެންދަވާނީ އުސޫލާއި ގަވާއިދާ ހަމަތަކުގެ ތެރެއިން ކަމަށެވެ. ސަރުކާރުން ހިންގާ ޕީޕީއެމް/ޕީއެންސީގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ އެއްވެސް މެމްބަރަކަށް ދަތިވާނެ އެއްޗެއް ހުށަނާޅުއްވާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އެހެންވެ ހުށަހަޅާ އެއްވެސް ކަމަކާއި ކައުންސިލަރުން ދެކޮޅު ހައްދަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މޭޔަރުކަމުގެ ހުވާ، އާޒިމް ކުރެއްވުމުގެ ކުރިން ސިޓީ ކައުންސިލުން ހިންގަމުންދިޔަ ބައެއް މަޝްރޫއުތައް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ފާސްކޮށްފައިވެއެވެ. އޭގެ ތެރޭގައި ސިޓީ ކައުންސިލުން ފާސްކުރީ 100 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު ބައެއް މަޝްރޫއުތައް ކަމަށްވާ ލޯކަލް މާރުކޭޓް އަދި ޕާކިން ބިލްޑިންތަކުގެ މަޝްރޫއު ހިމެނެއެވެ.
އެކަމާއި ގުޅޭ ގޮތުން އެ ޕްރޮގްރާމްގައި ސުވާލުކުުރުމުން އާޒިމް ވިދާޅުވީ އެ މަޝްރޫއުތަކަކީ އޭނާ ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައިވެސް ހިމެނޭ މަޝްރޫޢއުތައް ކަމަށެވެ. މޭޔަރު ވިދާޅުވި ގޮތުގައި އެ މަޝްރޫއުތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރި ކުރުމަކީ އެންމެ ރަނގަޅަށް ކޮށްފައިވާ ކަމެއް ނޫނެވެ.
ކައުންސިލުން ނިންމާފައި އޮތީ އެ މަޝްރޫއުތައް ސުޕަވައިޒްކުރަން އިންފްރާސްޓްރަކްޝާ މިނިސްޓްރީއަށް ހަވާލުކުރުންކަމަށް ވިދާޅުވިއެވެ. އެހެންވެ އެކަން ކުރިޔަށްދާގޮތް ބަލައި ދިރާސާކުރަންޖެހޭކަން އާޒިމް ފާހަގަކުރެއްވިއެވެ. އާޒިމް ވިދާޅުވި ގޮތުންނަމަ ހަ މަސް ތެރޭގައި ހައުސިން އަށް އެ މަޝްރޫއުތައް ނުހިންގޭނަމަ ސިޓީ ކައުންސިލާ ހަވާލުކުރަން ޖެހޭނެއެވެ.