މި ސަރުކާރުގައި އަންހެނުންނަށް ސަލާމަތާއި ރައްކާތެރިކަން ނެތްކަން އެނގިއްޖެ: ރޮޒައިނާ
މި ސަރުކާރުގައި އަންހެނުންނަށް ސަލާމަތާ ރައްކާތެރިކަން ނެތްކަން އެނގި ހާމަވެއްޖެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި އެ ޕާޓީއާއެކު މަޖިލީހުގައި މަސައްކަތް ކުރަމުން އަންނަ ޑިމޮކްރެޓްސް އިން ނިންމުމާއި ގުޅިގެން މަޖިލިސް ހޫނުވެފައިވާ މި ދަނޑިވަޅުގައި އިއްޔެ އާއި ރޭ ވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މަޖިލީހުގެ ބޭރުގައި މުޒާހަރާކޮށްފައެވެ.
ރޮޒައިނާ ވިދާޅުވީ އޭނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއެކު ސައިކަލުގައި މަޖިލީހަށް ވަންނަވަން ދަނިކޮށް މީހަކު ފަހަތުން އައިސް އޭނާ ކޮއްޕާލާފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅޭ ވީޑިއޯއެއް ހިއްސާކުރައްވަމުން ރޮޒައިނާ ވިދާޅުވީ މަޖިލީހަށް ވަންނަން ދިޔަ ވަގުތު ހުރަސްއަޅާ، ގަޔަށް އަތްލާ ހުތުރު އެއްޗެހިގޮވާ ފުރައްސާރަ ކުރިކުރުން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ.
”އަންހެނުން މަޖިލީހަށްހޮވަން ބާރުއަޅަނީޔޭ މުއިޒު ވިދާޅުވެފަ، ސަރުކާރުހިންގާ ޕާޓީގެ އެކްޓިވިސްޓުން ލައްވާ ތިފުރައްސާރަ ކުރަނީ. ސަރުކާރުގަ އަޅުގަނޑުމެން އަންހެނުންނަށް ސަލާމަތާ ރައްކާތެރިކަން ނެތްކަން މިރޭ އެނގިއްޖެ” ރޮޒައިނާ ވިދާޅުވިއެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް މުއިޒު. މީތޯ ދިވެހިންގެ ރާއްޖެއަކީ؟” ރޮޒައިނާ ސުވާލު ކުރެއްވިއެވެ.
އިއްޔެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ބޯހިޔާވަހިކަމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަދި ބަންޑާރަނައިބު އަހުމަދު އުޝާމް އަށް ރުހުން ނުދޭން ފާސްކޮށްފައެވެ.
މިކަމާއި ގުޅިގެން މަޖިލިސް ތެރެ ހަލަބޮލިވެ ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ޖަލްސާ ފެށިޔަ ނުދީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށްފައެވެ.