ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލިސް އިންތިޚާބުަގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސް މުއައްސަސާއަކުން ސޮއިކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

އަންނަ މާޗު މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ 5 މުއައްސަސާއަކުން އެ ކޮމިޝަނާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

Ads by Hajj Corporation

މި ފަހުމުނާމާތަކުގައި އީސީ އާއެކު ސޮއިކޮށްފައިވާ 5 މުއައްސަސާއަކީ ސިވިލް ސާވިސް ކޮމިޝަން، ދިވެހި ފުލުހުންގެ ޚިދުމަތް، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިތުރުން، މޯލްޑިވްސް ޕޯސްޓެވެ.

ފަހުމުނާމާތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ، ފަހުމުނާމާތަކުގައި ސޮއި ކުރި ހުރިހާ މުއައްސަސާތަކަކީވެސް އިންތިޚާބު ފުރިހަމަވުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާތަކެއް ކަމަށެވެ.

އިންތިޚާބަށް އޮފިޝަލުން ހޯދުމާއި، ރަށްރަށުގައި ފޯކަލް ޕޮއިންޓުތައް ޤާއިމްކުރުމުގައި ސިވިލް ސާވިސް ކޮމިޝަނުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ޙަބީބް ވިދާޅުވިއެވެ. އަދި ފުލުހުންގެ އެހީތެރިކަން ފާހަގަކޮށް އެކި ތަންތަނަށް ވޯޓު ކަރުދާހާއި، އޮފިޝަލުން ދާއިރު މިހާރު ފޮނުވަނީ ފުލުހުންގެ ވެހިކަލްތަކުގައި ކަމަށާއި މިކަން ކުރުމުން ސަލާމަތީ ގޮތުން ބޮޑު ރައްކާތެރިކަމެއް ލިބޭ ކަމަށް ހަބީބް ވިދާޅުވިއެވެ.

ހަމަ އެހެންމެ ރީ-ރަޖިސްޓްރޭޝަންގެ ކަންކަން އޮމާންކަންމަތީ ކުރިއަށް ގެންދިޔުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަންގެ އެހީ ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

ރަށްރަށުގައި އިންތިޚާބާ ގުޅިގެން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ޚަރަދުކުޑަކޮށް ހަމަޖެއްސުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ލިބޭ އެހީތެރިކަން ފާހަގަކުރައްވާ، މި ފަހުމުނާމާގެ ދަށުން އިތުރު އެހީ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މޯލްޑިވްސް ޕޯސްޓާއިއެކު ސޮއިކުރެވުނު ފަހުމުނާމާގެ ސަބަބުން ވޯޓު ފޮއްޓާއި، ވޯޓު ކަރުދާސް ރަށްރަށަށް ފޯރުކޮށްދިނުމަށް އިތުރު އެހީތެރިކަން ލިބޭނެ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ދިމާވެދާނެ ކޮންމެ ކަމަކަށް ފުލުހުން ދުރާލާ ތައްޔާރުވަމުން އަންނަ ކަމަށެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!