ޚަބަރު

ރައީސް ދެއްވި ޔަގީންކަން: ނޮވެންބަރު 17 އިން ފެށިގެން ޝަރުއީ ދާއިރާ ހިނގަމުން އަންނަނީ ނުފޫޒެެއްނެތި

އައިކާ ޔުނާން ، ދެން އޮންލައިން
ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ --

އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހަށް ފަހު ރާއްޖޭގެ ޝަރުއީ ނިޒާމު ހިނގަމުން އަންނަނީ ސިޔާސީ ނުވަތަ އިތުރު އެއްވެސް ނުފޫޒެއް ނެތި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ, ޝަރުޢީ ދާއިރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި މަޖިލީހާއި ޝަރުއީ ދާއިރާއަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ސަރުކާރުން ދޭނެ ކަމަށެވެ.

އެމަނިކުފާނު ހުވާ ކުރެއްވުމަށް ފަހު ދެއްކެވި ވާހަކަ ފާހަގަކުރައްވައި ރައީސް ވިދާޅުވީ, ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށް އެ ދުވަހު ވިދާޅުވެފައިވާނެ ކަމަށާއި ސަރުކާރުން ހިފަހައްޓަނީ އެ އުސޫލު ކަމަށެވެ.

"ޝަރުޢީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނަން. އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅުވެސް އަޅުގަނޑު އަޅާނަން," ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ހުވާކުރެއްވި ދުވަހުން ފެށިގެން ޝަރުއީ ދާއިރާ ހިނގަމުން ދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މި ސަރުކާރުން ބަދަލު ހިފުމުގެ ރޫހު ނުގެންގުޅޭނެ ކަމަށް ވީ ވައުދާ އެއްގޮތަށް ސިޔާސީގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ ނުކުރާނެ ކަމެއް ކަމަށެވެ.

"އެ ރޮނގުން އަޅުގަނޑު ދެއްކި ވާހަކައާއި އެއްގޮތަށް އަޅުގަނޑުގެ ބަހާ އަމަލު ސީދާކުރާނަން. ނަމަވެސް ޤާނޫނުގެ ވެރިކަން ކަށަވަރުކުރާނަން. އަދުލުވެރިކަމާއި އިންސާފު ދައުލަތުގައި ގާއިމުކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރާނަން" ރައީސް ވިދާޅުވިއެވެ.

މިއަދު އިއްވާ ރިޔާސީ ބަޔާނަކީ ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!