ޚަބަރު

ޤާސިމްގެ ތައުރީފް ރައީސަށް, މިއީ ރައީސަކު މިހާތަނަށް އިއްވި އެންމެ ފުރިހަމަ ބަޔާން!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނަކީ މިހާތަނަށް ރައީސަކު އިއްވެވި އެންމެ ފުރިހަމަ ރިޔާސީ ބަޔާން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ގާސިމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ރައީސަކު، ރައްޔިތުންގެ މަޖލިހުގެ ޖަލްސާއެއްގައި ރައްޔިތުންނަށް އިއްވެވި އެންމެ ތަފްޞީލީ އެންމެ ފުރިހަމަ ރިޔާސީ ބަޔާނަކީ، މިއަދު ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާން ކަމަށެވެ. އެކަމަށްޓަކާ ރައީސް މުއިއްޒަށް ތަހުނިޔާ އަރިސްކޮށް މާމިގިލި ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ނުހަނު ޝުކުރު އަދާކުރާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރައީސް މުއިއްޒު މިއަދުގެ ރިޔާސީ ބަޔާނުގައި ދިވެހި ޤައުމުގެ އިއްޔެ އާއި މިއަދުގެ ހާލަތާއި އެކު، މާދަމާއަށް ކުރާ އުންމީދުތަކާއި، ހޯއްދަވާނޭ ހައްލުތައް ވިދާޅުވެދެއްވީ ނުހަނު އުއްމީދުން ފުރިގެންވާ ގޮތުގައި ކަމަށެވެ. އަދި ދިވެހި ޤައުމު ހިންގުމުގެ އެންމެހާ ކަންކަން ޝާމިލްވާނޭހެން ތަފާސްހިސާބާއި ދިރާސާ އާއި އެކު ޤާނޫން އަސާސީގެ 84 ވަނަ މާއްދާގައި ބަޔާން ކުރާ ރިޔާސީ ބަޔާން ރައީސް މުޢިއްޒު އިއްވަވައިދެއްވި، މަޖިލީހުގެ ޖަލްސާ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި 19 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ތަކެއް ބޮއިކެޓް ކުރެއްވުމަކީ ރައްޔިތުންނަށް ކުރި ފުރައްސާރަ އަކަށް ނުވޭތޯ ގާސިމް ސުވާލު ކުރެއްވި އެވެ.

ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވެވި ޖަލްސާ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ވަނީ ބޮއިކޮޓްކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!