އެމްޑީޕީން ޓިކެޓް އަތުލި ޖާބިރު ވިދާޅުވީ މަޖިލީހަށް ކުރިމަތިލައްވާނެ ކަމަށް
އިދިކޮޅު އެމްޑީޕީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ކެންޑިޑެސީ ކާމިޔާބުކުރެއްވި އެ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ޖާބިރުގެ ކެންޑިޑެސީ ބާތިލުކުރި ކަމުގައިވިޔަސް މަޖިލީހަށް ވާދަކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުންނަވައި މުޖުތަމައުގެ އާންމު މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރައްވަމުންދާތީވެ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ އެ ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ޖާބިރަށް ނުދިނުމަށް ނިންމާފައެވެ. އަދި ޕާޓީގެ މެންބަރުކަމުން އޭނާ ވަކިކޮށްފައެވެ.
'' އަޅުގަނޑު ކުރިމަތިލާނަން'' ޕާޓީގެ ނިންމުމާއި ގުޅޭ ގޮތުން ބަހެއް ހޯދާލަން ''ދެން'' އިން ގުޅާލުމުން ޖާބިރު ވިދާޅުވިއެވެ. ވާދަކުރައްވާނީ އަމިއްލަ ގޮތުންކަމެއް ސީދާ ވިދާޅެއް ނުވެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގެންނެވި ޖާބިރު، މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ އަމިއްލަ މެމްބަރެއްގެ ގޮތުގައި ވާދަކުރައްވައިގެންނެވެ. އޭގެ ފަހުން މިހާރު އުވާލާފައިވާ ޑީއާރްޕީގެ ލީޑަރުގެ މަގާމުވެސް އަދާކުރެއްވި ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.