އަސްލަމް ވިދާޅުވީ, މަޖިލީހުގެ މަސައްކަތާމެދު ސުޕްރީމް ކޯޓަށް ގޮތް ނުނިންމޭނެ ކަމަށް

މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމެއް ކަމުގައި ބެލުމަށް ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމް ކުރިން ވެސް ގުނަމުން އައި ގޮތަށް، މިހާރު ހުސްވެފައިވާ މަޖިލީހުގެ ދާއިރާތަކުގެ ގޮނޑިތައް ވެސް ހިމަނައިގެން ގުނަން ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް އަންގައި، އަމުރެއް ވަނީ ނެރެފައެވެ.
އެ އަމުރު ނެރެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް ގަވާއިދަށް ގެނައި އިސްލާހުތައް ބާތިލް ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ނެރުނު ވަގުތީ އަމުރުގަ އެވެ.
އެ މައްސަލައިގައި އަމަލުކުރާނެ ގޮތަކާމެދު މަޝްވަރާކުރުމަށް މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވީ, ސްޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައި ވަނީ ގާނޫނުއަސާސީއާ ހިލާފުތޯ ނިންމުމެއް ނެތި ކަމަށާއި އެއީ ކަންބޮޑުވާ ކަމަށާއި މަޖިލިސް ކުރިއަށް ގެންދެވެން އޮތީ ކޯރަމަކީ ކޮބައިކަން އެނގިގެން ކަމަށެވެ.
އަސްލަމްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި އަމުރު ނެރެފައިވަނީ ހުށަހެޅިފައިވާ މައްސަލަ ނިންމުމެއްނެތި އަދި އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއްތޯ ވެސް ބެލުމެއް ނެތި ކަމަށް ވުމެވެ. އޭނާ ވިދާޅުވީ, މަޖިލީހުގެ މަސައްކަތްތައް ހިނގާ ގޮތާމެދު އެހެން އެއްވެސް އިދާރާއަކަށް ބަސް ނުބުނެވޭނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލިސް ހިންގާނެ ގޮތް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން. އެއީ ގާނޫނު އަސާސީން ވަރަށް ސާފުކޮށް މަޖިލީހަށް ލިބިފައިވާ ބާރެއް. އެހެން އެއްވެސް މުވައްސަސާއަކުން އެހެން އެއްވެސް ބާރަކުން މަޖިލިސް ހިންގާނެ ގޮތް އެހެން ގޮތަކަށޭ ބުނުމުގެ ބާރު ލިބިގެންވާ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން," އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވަނީ ކޯޓުގެ ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުން މިއަދުގެ ޖަލްސާގައި ހުސްގޮނޑި ގުނައިގެން, މެންބަރުންގެ ޖުމްލަ އަދަދަކީ 87 ކަމަށް ކުރިއަށް ގެންދިއުމަށް ނިންމައިފައެވެ. ނަމަވެސް, މި މައްސަލައިގައި އަމަލުކުރާނެ ގޮތެއް ނިންމާނީ މެންބަރުން ކަމަށް އޭނާ ވިދާޅުވިއެވެ.