ޚަބަރު

ހުސްގޮނޑި މައްސަލައިގައި އަސްލަމް އަމަލުކުރެއްވި ގޮތުން އެމްޑީޕީ މެންބަރުންގެ ނުރުހުން!

އައިކާ ޔުނާން ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ވެސް ގުނައިގެން ޖުމްލަ އަދަދު ގުނުމަށް ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރަށް އިހުތިރާމް ކުރުމުގެ ގޮތުން މަޖިލީހުގެ އަދަދަކީ 87 ކަމަށް ނިންމައިގެން ކުރިއަށް ދާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވުމުން އެމްޑީޕީ މެންބަރުން އެކަމާ ނުރުހުން ފާޅުކުރައްވައި އަސްލަމަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މައްސަލައިގައި އަމަލުކުރާނެ ގޮތަކާމެދު މަޝްވަރާކުރުމަށް މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވީ, ސްޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައި ވަނީ ގާނޫނުއަސާސީއާ ހިލާފުތޯ ނިންމުމެއް ނެތި ކަމަށާއި އެއީ ކަންބޮޑުވާ ކަމަށާއި މަޖިލިސް ކުރިއަށް ގެންދެވެން އޮތީ ކޯރަމަކީ ކޮބައިކަން އެނގިގެން ކަމަށެވެ.

އަސްލަމް ވަނީ ކޯޓުގެ ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުން މިއަދުގެ ޖަލްސާގައި ހުސްގޮނޑި ގުނައިގެން, މެންބަރުންގެ ޖުމްލަ އަދަދަކީ 87 ކަމަށް ކުރިއަށް ގެންދިއުމަށް ނިންމައިފައެވެ. ނަމަވެސް, މި މައްސަލައިގައި އަމަލުކުރާނެ ގޮތެއް ނިންމާނީ މެންބަރުން ކަމަށް ވިދާޅުވެ, އޭނާ ވަނީ ބަހުސަށް ހުޅުވައިލައިފައެވެ.

ބަހުސްގެ ތެރެއިން އެންމެ ފުރަތަމަ ނިޒާމީ ނުކުތާ ނަންގަވައި އަސްލަމްގެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރެއްވީ މަޖިލީހުގެ ނައިބު ރައީސް, ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. ސަލީމް ވިދާޅުވީ, މަޖިލީހުގެ ޖުމްލަ އަދަދަކީ 80 ކަމަށް މަޖިލީހުން ފާސްކޮށްފައިވާއިރު, އެ އަދަދަކީ 87 ކަމަށް ނިންމައި މަޖިލީހުގެ ރައީސަށް އެހެން ނުބުނެވޭނެ ކަމަށެވެ.

ސަލީމް ވިދާޅުވީ, ނިޒާމީ މައްސަލައަކަށް ވަނީ އަސްލަމް އެގޮތަށް ވިދާޅުވުން ކަމަށެވެ.

"އަޅުގަނޑުމެން މި މަޖިލީހުން ކަނޑައަޅާފައި އެ އޮތީ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 80 ކަމަށް. ނިންމުން ބަދަލުނުކުރާހާ ހިނދު އިއްޒަތްތެރި ރައީސަށް ވިދާޅުވެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން, ތިމަންނަ ކަނޑައަޅުއްވައިފީމޭ 87, އެއީ ނިޒާމެއް މައްސަލައެއް, " ސަލީމް ވިދާޅުވި އެވެ.

އަސްލަމް ވަނީ އެގޮތަށް މަޖިލީހުގެ ރައީސް ނިންމެވީ ސުޕްރީމް ކޯޓުގެ ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށާއި ނަމަވެސް އެކަމަށް ގޮތް ނިންމާނީ މަޖިލިސް މެންބަރުން ކަމަށެވެ.

ނިޒާމީ ނުކުތާއެއް ނަންގަވައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ މަޖިލީހުގެ ރައީސް އަމަލުކުރައްވަން ޖެހޭނީ މެންބަރުން ނިންމާ ގޮތަށް ކަމަށާއި އެހެން ބައެއްގެ ނިންމުމަށް އަމަލުކުރަން ރައީސަށް ނުޖެހޭނެ ކަމަަށެވެ.

ނިޒާމީ ނުކުތާ ނަންގަވައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ ސުޕްރީމް ކޯޓުން އަމުރު ނެރުނީ މަޖިލިސްގެ މައްޗަށް ކަމަށާއި މަޖިލީހުގެ ރައީސްގެ މައްޗަށް ކަމަށް ނޫން ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ ރައީސަށް އެގޮތަށް ނުނިންމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާ ޖެހިގެން ނިޒާމީ ނުކުތާ ނެންގެވި ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުالله ވިދާޅުވީ, މަޖިލީހުން ވަރަށް ސާފުކޮށް ގޮތް ނިންމާފައިވާއިރު, އެ ނިންމުން އަނެއްކާ ބަހުސަށް އަންނަން ނުޖެހޭ ކަމަށެވެ.

ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް ނެންގެވި ނިޒާމީ ނުކުތާގައި ވިދާޅުވީ, މެންބަރުންގެ އަދަދު ކަނޑައަޅާނެ ގޮތް މަޖިލީހުގެ ގަވައިދުގައި ވަރަށް ސާފު ކަމަށެވެ.

އެމްޑީޕީ މެންބަރުންގެ ނިޒާމީ ނުކުތާތަކަށް ތާއީދު ކުރައްވައި ބަހުސް ކުރައްވަމުން މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ގޮތެއް ނިންމަން މަޖިލީހުގެ ރައީސް ސުވާލު އުފައްދަވާއިރު, އިތުރު ގޮތަކަށް އަމަލުކުރައްވާ ކަމަށް ވިދާޅުވުން ދެކޮޅު ނުޖެހޭ ކަމަށެވެ.

"ގޮތެއް ނިންމަން ޖެހެންޏާ އެގޮތް ނިންމަވާނީ މިތަނުން. އެހެންވީމާ ވަކި ގޮތެއް ނިންމަވައިގެން އިއްޒަތްތެރި ރައީސް ވަޑައިގެން އަޅުގަނޑުމެންނާ ތި ސުވާލު ކުރެއްވީމާ ހަގީގަތުގައި މިތާގައި ވެސް ކޮންޓްރާސްޓުވާ ދެ ވާހަކައެއް މިދެކެވެނީ. އިއްޒަތްތެރި ރައީސް ތި ވިދާޅުވަނީ ކޯޓު އަމުރާ އެއްގޮތަށޭ ދާންވާނީ. އަޅުގަނޑުމެން ގާތު ތި ސުވާލުކުރައްވަނީ އަޅުގަނޑުމެން ކޯޓު އަމުރާ އެއްގޮތަށް ކުރިއަށް ދާނަންނަތޯ ނޫންތޯ," ރޮޒައިނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އަސްލަމް ވިދާޅުވީ, އަމުރާ މެދު ގޮތެއް ކަނޑަނާޅާ ހިނދަކު މިއަދުގެ ޖަލްސާ ވެސް ކުރިއަށް ގެންދެވެން ނެތް ކަމަށާއި ޖަލްސާ ފެށޭނީ ކޯރަމަކީ 20 ތޯ 22 ތޯ ނިންމަން ޖެހޭ ކަމަށެވެ.

"ކޮންމެވެސް އެކައްޗެއްގައި ހިފައިގެން އަޅުގަނޑަށް ކުރިއަށް ދެވެން އޮތީ, ހަމަ އެގޮތުން މި ބަހުސުގައި ހުޅުވާލެވޭ ހުށަހެޅުމަކަށް ވޯޓަށް އަހާއިރު ވެސް ކޮބައިތޯ މަޖިލީހުގެ ޖުމްލަ އަދަދަކީ ބަލަން ޖެހޭ," އަމިއްލަފުޅު ޕާޓީގެ މެންބަރުންގެ ނިޒާމީ ނުކުތާތަކާ ގުޅިގެން ވަރަށް ހިތްހަމަޖެހިވަޑައިނުގެން އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ, މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ޖެހޭ ކަަމަށާއި ނަމަވެސް ޖަލްސާ ކުރިއަށް ގެންދެވެން އޮތީ ވެސް މި މައްސަލަ އެއްކޮޅެއްގައި ޖައްސައިގެން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!