އެމްޑީޕީން މަޖިލީހަށް ވާދަކުރާ ކެނޑިޑޭޓުންގެ ފޯމްތައް ހުށަހަޅައިފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުންގެ ފޯމްތައް އިލެކްޝަން ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފިއެވެ.
ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އިންތިހާބާ ބެހޭ މަރުކަޒަށް ކެންޑިޑޭޓުންގެ ފޯމްތައް މިއަދު ހުށަހަޅާފައިވާއިރު ޕާޓީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީޑިއާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ މި ސަރުކާރާ މެދު ރައްޔިތުން ދެކެމުން އައި އުއްމީދާ އިތުބާރު ދެ މަސް ތެރޭގައި ގެއްލިފައިވާ ކަަމަށެވެ. ރައްޔިތުންގެ ހުރި ކަަންބޮޑުވުންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
''ސަރުކާރުގެ ގާބިލުކަމާއި މެދު ރައްޔިތުންނަށް ޝައްކު އުފެދިއްޖެ'' ފައްޔާޒު ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީން ދެ ދާއިރާއެއް ފިޔަވައި އެހެން ދާއިރާތަކުން ކެނޑިޑޭޓުން ވަނީ ނެރެފައެވެ. ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓު ވަނީ 46 ބޭފުޅަކު ކަށަވަރު ކުރައްވައިފައެވެ. މިފަހަރުގެ އިންތިހާބުގައި އިލެކްޝަންސް އިން ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ 93 ދާއިރާއަކަށެވެ.
އިއްޔެ ލިބުނު 46 ފޯމްއާ އެކު ކޮމިޝަނަށް މިހާތަނަށް ލިބިފައިވަނީ 68 ފޯމް ކަމަށް އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވަނީ ވިދާޅުވެފައެވެ. ފޯމު ބަލައިގަންނާނީ ހެނދުނު ނުވަޔަކުން މެންދުރު ފަހު ދޭކަށް، ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުންނެވެ. ފޯމްތައް ބަލައިގަންނާނީ 14 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށެވެ.
މަޖިލީހުގެ އާ ދައުރުގެ އިންތިހާބު އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވާ ގޮތަށް އީސީން ކަނޑައަޅާފައިވިޔަސް އެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ކަމަށް ވާތީ އެ ދުވަސްވަރު އިންތިހާބު ބޭއްވުމާ މެދު ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވާ ގޮތަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހެޅި އިސްލާހު އިދކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުން ވޯޓުން ރައްޔިތުންގެ މަޖިލިހުން އިއްޔެ ވަނީ ފާސްކޮށްފައެވެ.