ތުރުކީގައި ދިވެހި އެންބަސީއެއް

ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ "ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި އިދާރާއެއް އުފެއްދެވީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންކަމަށެވެ.
ތުރުކީގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ފުޅާކޮށް، ދެ ޤައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިޤުތިޞާދީ، އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރި އެރުވުމަށްޓަކައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
ތުރުކީގައި ގާއިމުކުރި ދިވެހި އެމްބަސީގެ ޒިންމާގެ ތެރޭގައި ރައީސް ވަނީ 22 މަސައްކަތެއް ހިމަނުއްވައިފައެވެ. އޭގެތެރޭގައި ތުރުކީގައި ދިވެހިރާއްޖެ ތަމްސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުޞަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތްކުރުންމާއި، ތުރުކީއަށް ޒިޔާރަތް ކުރާ ދިވެހިންނާއި ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް، ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން ހިމެނެއެވެ.
ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރައްވާފައިވަނީ ތުރުކީއަށެވެ. މި ދަތުރުފުޅުގައި ތުރުކީގައި ތިބި ދިވެހިން ވަނީ އެ ޤައުމުގައި ދިވެހި އެމްބަސީއެއް ނެތުމުގެ ކަންބޮޑުވުން ރައީސްއަށް ހިއްސާކުރައްވާފައެވެ. އަދި މިކަން ވީހާވެސް އަވަހަކަށް ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ އެ ދަތުރުފުޅުގެ ތެރެއިން ދެއްވާފައެވެ.