ހަގީގީ ހާދިސާ ލައިފްސްޓައިލް

ޙަޤީޤީ ޙާދިޘާ: ސިއްރުން ކުރެވޭ ކައިވެނިތަކަށް ސަމާލުވޭ ، ރާއްޖޭގެ އުޚުތަކަށް ކުރިމަތިވި ނިކަމެތި ޙާލަތު

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކައިވެނީގެ ގުޅުމަކީ މާތް މަތިވެރި ގުޅުމެކެވެ. އެއީ ދެމީހެއްގެ ޙަޔާތް އެކުއެކީގައި އާރާސްތު ކުރުމަށްޓަކައި  އިސްލާމްދީނުގައި ބާރު އަޅާފައިވާ މަތިވެރި ގުޅުމެކެވެ. އެކަކު އަނެކަކުގެ އުފަލުގައި ބައިވެރިވެ އެކަމުގެ އުފާފާޅު ކުރާ ފަދައިން އެކަކު އަނެކަކުގެ ހިތާމަތަކުގައި ވެސް ބައިވެރިވެ ހިތްވަރު ދޭންޖެހޭ މަތިވެރި ކަމެކެވެ.

Ads by Sosun Fihaara

ކައިވެންޏަކީ ވަކި މުއްދަތަކަށް ނުވަތަ ވަކި ކަމަކަށް ޝަރުތުކޮށްގެން ކުރެވޭ ކަމެއް ނޫނެވެ، އަމުދުން އެފަދަ ޝަރުތެއް ހިމެނިފައިވާނަމަ އެކައިވެންޏަކީ ޞައްޙަ ކައިވެންޏަކަށް ނުވެއެވެ. ހަމައެކަނި ޖިންސީ ބޭނުން ފުއްދާލުމަށް ނުވަތަ ބައިވެރިޔާގެ ފަރާތުން ވަކި ފައިދާތަކެއް ހޯދުމުގެ ނިޔަތެއް އޮތްނަމަ ، އެ އަރައިގަނެވެނީ ނުބައިކަން ބޮޑު ކަމަކަށެވެ. މީހަކަށް އެ ދެވެނީ ނުހަނު ބޮޑު އަނިޔާއެކެވެ.

ހިތާމައަކީ މިފަދަ ކަންކަން އަހަރެމެންގެ މުޖުތަމަޢުގައި ވެސް ހިނގަމުންދާ ކަމެވެ. ހަމައެކަނި ވަކި ބޭނުމެއް ފުއްދާލުމަށް ނިކަމެތި އަންހެނުންނަށް ހިތާމަޔާ އަނިޔާދޭ ކައިވެނިތައް ވެސް އަހަރެމެންގެ މިކުޑަކުޑަ މުޖުތަމަޢުގައި ކުރަމުންދާ ކަމީ ހިތާމައިގެ ކޮޅެއް ނެތް ކަމެކެވެ. މިއީ ވެސް އޮޅުވާލުމެއްގެ ތެރޭގައި އުޚުތާއަކަށް މީހަކަށް ކުރި ބޮޑު އަނިޔާއެއްގެ ވާހަކައެކެވެ. ކެތްތެރިކަމާއެކު މިވާހަކަ އުޚުތާ ''ދެން''އާއި ހިއްސާ ކުރުމުގެ ބޭނުމަކީ މިކަމަށް އާންމުން ހޭލުންތެރިވެ އެފަދަ މަޅިއެއްގައި ޖެހުމުގެ ފުރުސަތު ކުޑަ ކުރުމެވެ. އެ އުޚުތާއަށް ލިބުނު އަނިޔާއެއް އެހެން އުޚުތާއަކަށް ލިބުނަ ނުދިނުމެވެ.

ޙައްވަ (އަސްލު ނަމެއް ނޫން) އަކީ ދެކުނު އަތޮޅަކަށް ނިސްބަތްވާ އުޚުތާއެކެވެ. އަލަތު ކައިވެނި ރޫޅި ،  އެތައް އަހަރެއް ވަންދެން އެކަނިވެރި ދިރިއުޅުމެއް އުޅެމުން ދިޔަ ޙައްވަގެ މޫނު މައްޗަށް އުފާވެރިކަމެއް ލިބުނީ މީގެ ހައެއްކަ މަސް ކުރިން އޭނާއަށް ލިބުނު ކައިވެނީގެ ހުށަހެޅުމުގެ ސަބަބުންނެވެ.

ޙައްވައަށް ދެވަނަ އަތްބަކަށް ވުމަށް ކައިވެނީގެ ހުށަހެޅުމެއް ލިބުނީ އޭނާއަށް ވުރެ އެތައް އަހަރެއް ދޮށީ މީހެއްގެ ފަރާތުންނެވެ. ތަނަވަސް ދިރިއުޅުމެއް ހޭދަ ކުރަމުންދާ އޭނާގެ ވާހަކަތައް ޙައްވަ އަޑު އެހިއެވެ. އޭނާގެ އަނބިމީހާ ހުންނަނީ އޭނާއާއި ދުރުގައި ކަމަށް ވެފައި ކައިވެންޏަކަށް އޭނާ ބޭނުންވާ ކަމުގެ ވާހަކައާއި އޭނާއަކީ ދީނަށް ލޯބި ކުރާ މީހެއް ކަމަށާއި ޙައްވަގެ ފަރާތުން ބޭނުންވަނީ އޯގާތެރިކަމާއި އަޅާލުން ކަމަށް ބުނެ ދެއްކި ވާހަކަތައް ހައްވަގެ ސިކުނޑިއަށް ވަނެވެ.

ޙައްވަ މި ހުށަހެޅުން ބަލައިގަތީ އޭނާގެ ޙަޔާތަށް އުފާވެރިކަން ލިބޭނެ ގުޅުމެއްގެ ގޮތުގައެވެ. ނުވެސް ފެނި ، ކައިވެންޏަށް ރުހި ޤަބޫލުވީ އޭނާ ދެއްކި ހުރިހާ ޝަރުތުތަކަށް އެއްބަސްވަމުންނެވެ. އެގޮތުން އޭނާގެ އާއިލީ މަސްލަހަތަށްޓަކައި ސިއްރުން ކައިވެނި ކުރުމަށާއި އޭގެ ފަހުން ރާއްޖޭގައި ކައިވެނި ރަޖިސްޓްރީ ކުރުމަށް އެދުމުން އެކަމަށް ވެސް ޙައްވަ އެއްބަސްވީ ނުހަނު ފޮނި އުއްމީދާއެކުގައެވެ.

ޙައްވަގެ ކައިވެނި ކުރެވުނީ ސްރީލަންކާގައެވެ. ކައިވެނީގެ އުފާވެރި ދުވަސްތަކެއް ހައްވަ ލަންކާގައި ހޭދަ ކުރިއެވެ. އޭގެ ފަހުން މާލެ އައިސް ކައިވެނި ރަޖިސްޓްރީ ކުރަން ޙައްވަ އެދުމުން ، އޭނާ އެކަމަށް އިންކާރު ކުރިއެވެ. އެ ދެމީހުންގެ ކައިވެންޏަކީ ޞައްޙަ ކައިވެންޏެއް ކަމަށާއި ރަޖިސްޓްރީ ކުރުމުގެ މުހިންމުކަމެއް ނެތް ކަމަށް ބުންޏެވެ. އޭގެ ފަހުން ކައިވެނި އޮތީ ހަމައެކަނި ނަމެއްގެ ގޮތުގައެވެ. ޙައްވަ އުޅެމުން ދިޔައީ މާލޭގައި ގާތް ތިމާގެ މީހުން ގާތުގައެވެ.

ބަނަވިލާ ގަނޑެއް ޙައްވަގެ ޙަޔާތަށް ބޯމަތިވީ ނަމަވެސް ކެތްތެރިކަމާއެކު އޭނާ އިންތިޒާރު ކުރަމުން ދިޔައީ އަލިވިލޭނެ ވަގުތަކަށެވެ. އެހެންކަމުން ފިރިމީހާގެ ގާތުން އޭނާ އެދުނީ ކޮޓަރިއެއް ނަމަވެސް ކުއްޔަށް ހިފައިދީ އޭނާ ބަހައްޓައި ދިނުމަށެވެ. އަދި ކައިވެނި ރަޖިސްޓްރީ ކުރުމަށެވެ. ކެތްތެރިކަމާއެކު މި އެދުންތައް ތަކުރާރު ކުރަމުން ދިޔަ ނަމަވެސް އޭގެ ނިމުން އައީ ހިތިކޮށެވެ. މީގެ ދުވަސްކޮޅެއް ކުރިން ޙައްވަގެ ފިރިމީހާ އޭނާއަށް ގުޅާ ވަރީގެ ސިއްކަ ޖެހިއެވެ. ޙައްވަ ބެލެހެއްޓުމުގެ ޤާބިލްކަން ނެތް ކަމަށް ބުނެ ، ޙައްވަ ވަރިކޮށް މި ނާޒުކު ދަނޑިވަޅުގައި މާލެތެރެއަށް ބިކަކޮށްލިއެވެ. ފިރިމީހާގެ ފަރާތުން އެއްވެސް ކަމެއް ބޭނުން ނުވާ ކަމަށާއި ކޮންމެ ޙާލަތެއްގައި ނަމަވެސް އަތްބެއްގެ ގޮތުގައި ބައިންދައި ދިނުމަށް ކުރި އެތައް އާދޭސްތަކާއި ، ރުއި ރުއިންތަކަށް ފިރިމީހާގެ ހަރުހިލައަށް އަސަރެއް ނުކުރިއެވެ.

އެކަނިވެރިކަމުގައި ޙަޔާތް ހޭދަ ކުރަމުން ދިޔަ ޙައްވައަށް ދެވަނަ ކައިވެނި ވެސް ވީ ހިތި ޒަހަރަކަށެވެ. ޙައްވަގެ އެދުމަކީ މިފަދަ މީހުންނާއި މެދު ހުރިހާ އުޚުތުން ވެސް ސަމާލުވުމެވެ. އޭނާއަށް ކުރެވުނު ތަޖުރިބާ އެހެން މީހެއް ކުރަން ނުޖެހުމެވެ. ވަކިން ޚާއްޞަކޮށް ސިއްރުން ކުރެވޭ ކައިވެނިތަކާއި މެދު ސަމާލު ވުމަށެވެ. މީހުން ދައްކާ ވާހަކަތަކަށް ނުހެއްލި ، ވީހާވެސް ބޮޑަށް ފަރުވާތެރިވުމެވެ.

ﷲ ތަޢާލާ ، ޙައްވަ އަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އޭނާއަށް އުފާވެރި މުސްތަގުބަލެއް މިންވަރު ކުރައްވާށިއެވެ.

 

 

Ads by Ooredoo
  1. ކީއްކުރާނި ދޯ؟
    މި ކުޑަ ދިވެހި މުސްލިމް ދިވެހިރާއްޖޭގެ ސިޔާސީ މީހުންނާއި ވިޔަފާރިވެރިންނަކީ ދީން ހަތިޔާރަކަށް ހަދައިގެން އެމީހުން ބޭނުންވާ ގޮތަށް ކަންތަށް ކުރާ ބައެއް

  2. ޮޮޮަަޮއޯމައި ގޯޑު

    މަގޭ ރައްޓެއްސަކު ވެސް ތިކަހަލަ ބޮޑިއެއް ބޮއިގެން އެބަ އުޅޭ. ކަމާއި ބެހޭ ފަރާތައް އަންގަންވެސް ބުނެފިން. އެކަމަކުވެސް ފިރިމީހާ ބުނެގެން ނަ ނައަންގާ އެބަ އުޅޭ ކީއްކުރާނީ އަދުގެ ހާލަތު ދޯ

  3. އޯގޯޑް!

    ތިކަހަލަ މީހުން ވަރަށްގިނަ

  4. ޙަލީމް

    ތީ ތީގެ އެއްފަޅި. ރަޖިސްޓްރީ ނުކުރީ ކީއްވެތޯ އަހާބަލަ އަންހެންމީހާ ގާތުގައި. އޭނާ ވަގަށް ގަތްގަނޑު ފިރިމީހާއަށް އެނގޭ