ޚަބަރު

ރައީސް އިއްވެވީ ޒިންމާދާރުކަމެއް ތެދުވެރިކަމެއް ނެތް ރިޔާސީ ބަޔާނެއް: އިދިކޮޅު

އައިކާ ޔުނާން ، ދެން އޮންލައިން

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ފެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި އެއްވެސް ޒިންމާދާރު ކަމެއް އަދި ތެދުވެރިކަމެއް ނެތް އިދިކޮޅުން ބުނެފިއެވެ.

Ads by Hajj Corporation

އިިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ރައީސްގެ ރިޔާސީ ބަޔާނަށް ޖަވާބުދާރީވެވަޑައިގެންނެވީ އެމްޑީޕީގެ ޕީޖީ ލީޑަރު, އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

އޭނާ އިއްވި ބަޔާނުގައި ވިދާޅުވީ, ރިޔާސީ ބަޔާން ވާން ޖެހޭނީ ވަރަށް ފުރިހަމަ އަދި ގައުމަށް ކުރިމަތިވެފައިވާ ކަންކަން އެއްވެސް ފޮރުވުމެއްނެތި އިއްވާ ބަޔާނަކަށް ކަމަށެވެ. ނަމަވެސް އެކަން ރައީސްގެ ރިޔާސީ ބަޔާނުން ނުފެންނަ ކަމަށް ވިދާޅުވިއެވެ.

ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ތެދުވެރިކޮށް ބަޔާންކޮށްފައިނުވާ ކަމަށާއި ގައުމަށް ކުރިމަތިވެފައިވާ މުހިންމު ކަންކަން އެއްވެސް ވަރަކަށް އަލިއަޅުވާލައްވާފައިނުވާ ކަމަށްވެސް ބިގޭ ވިދާޅުވިއެވެ.

ރިޔާސީ ބަޔާނުގައި އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށާއި އިގްތިސޯދީ ހާލަތު އަދި ފާއިތުވީ އަހަރުތަކުގައި ކަން ހިނގާފައިވާ ގޮތް ބަޔާން ކޮށްފައިވަނީ މަޖިލީހަށާއި ރައްޔިތުންނަށް އޮޅޭގޮތަށް ކަމަށް ބިގޭ ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮވިޑުގެ ދަތި ހާލަތުގައި އިގްތިސޯދީ ކަންކަން ކުރެއްވި ގޮތަށް ތައުރީފް ކުރައްވައި ބިގޭ ވިދާޅުވީ, ރައީސްގެ ރިޔާސީ ބަޔާނުގައި ކޮވިޑުގެ ދަތިކަން އެއީ ނެތް އެއްޗަކަށް ހައްދަވައި ގައުމަށް ދިމާވެފައިވާ ދަތި ހާލަތު ސިފަކޮށްލެއްވީ ސިޔާސީ 'ބޯޅަ' ޖެއްސެވުމުގެ ގޮތުން ކަމަށެވެ.

ކުރީ ސަރުކާރުން ދަރަނި ނަގާފައިވަނީ ރާއްޖެ ސަލާމަތްކޮށް އިގްތިސޯދު އަނބުރާ ކޮޅަށް ޖެއްސުމަށްކަމަށާއި ހިދުމަތްތަކަށް ބުރުލެއް އެރުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ދުވަހު ދަރަނި ނަގައިގެން މަޝްރޫއުތައް ނުހިންގިނަމަވެސް މިއަދު ތިބޭނީ ސިޔާސީ އަޑިގުޑަން ކަމުގައި ކަމަށް ބިގޭ ވިދާޅުވިއެވެ.

"ދަރަނި ނަގައިގެން ކުރި މަސައްކަތްތަކާއި ހިންގި މަޝްރޫއުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުވާނެ ދަރަނި އަދާކުރަން ޖެހޭއިރު ދަރަނި އަދާކުރުމުގެ ގާބިލްކަން ހުންނާނެ އަދި ސަރުކާރުގެ ސްޓެރެޓެޖީއާ އެއްގޮތަށް މަސައްކަތް ކޮށްފިނަމަ ދަރަނީގެ ހިރާސްތައް ކުޑަވެ ދަރަނީގެ ނިސްބަތް ކުޑަކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދަރަނި ނަގައިގެން ކޮށްފައިވާ މަސައްކަތްތަކީ އިގްތިސޯދު ބަދަލުކޮށްލާނެ މުހިންމު މަސައްކަތްތަކެއް ކަމަށާއި ދަރަނި ނެގީ އަދާކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

އެކަމަށް ކުރީ ސަރުކާރުގެ ޕްލޭނެއް އޮތްނަމަވެސް ދަރަނި އަދާކުރާނެ ގޮތުގެ ސީރިއަސް ޕްލޭނެއް ވެސް އޮތް ކަން ފާހަގަނުކުރައްވާ ކަމަށް ވިދާޅުވެ, ބިގޭ ވިދާޅުވީ ރިޔާސީ ބަޔާން ފެނިގެންދިޔައީ ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ.

ސަރުކާރަށް 100 ދުވަސް ވާން ގާތް ވެފައިވާއިރު, ކުރީ ސަރުކާރުން ބޯހިޔާވަހިކަމަށް ދޫކުރި ގޯއްޗާއި ފްލެޓު ހަވާލުނުކުރެވި ވާތީ ވެސް ބިގޭ ފާޑުވިދާޅުވެފައިވެއެވެ.

"މިހާ ހައްސާސް މައްސަލައެއް އެއް އިދާރާ އަނެއް އިދާރާ ބޮލަށް ޖަހައިގެން މިކަން ގަޑުބަޑު ނުކުރައްވާ. އެތައް ހާސް ރައްޔިތުންނަކަށް ލިބޭނެ ލުޔާއި ހިތްފަސޭހަ ކަމަށް ރައީސް ހުރަސް ނޭޅުއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ވަކިވަކި ދާއިރާތައް ފާހަގަކުރައްވައި ރައީސްގެ ރިޔާސީ ބަޔާނަށް ވަނީ ފާޑުވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!