ޚަބަރު

މަސްބޯޓަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ޣައްސާން ހާޒިރުކުރި ކޮމިޓީ ސިއްރުކޮށްފި

އައިކާ ޔުނާން ، ދެން އޮންލައިން

ދިވެހި ތިން މަސް ދޯންޏަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ދިފާއީ ވަޒީރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހާޒިރުކުރި ބައްދަލުވުން ސިއްރުކޮށްފިއެވެ.

Ads by MWSC

މި ބައްދަލުވުން ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 11:00 އަށެވެ. ސިއްރު ކުރަން ކޮމިޓީން ފާސްކޮށްފައިވަނީ ކޮމިޓީގެ ހުރިހާ މެންބަރުންގެ ވޯޓުންނެވެ.

މި މައްސަލައިގައި ދިފާއި ވުޒާރާއިން ފޮނުވި ސިޓީ ވެސް ވަނީ ސިއްރުކޮށްފަ އެވެ.

މިދިޔަ މަސް ތެރޭގައި ރާއްޖޭގެ އުތުރުގައި މަސްވެރިކަން ކުރަމުން ދިޔަ ތިން ދޯންޏަކަށް އަރާފައިވަނީ އިންޑިއާގެ ކޯސްޓުގާޑް ޝިޕް 246 އާއި ކޯސްޓު ގާޑު ޝިޕް 253 އިންނެވެ. އެކަން ކޮށްފައިވަނީ ކަނޑުތަކުގެ ގާނޫނުތަކާ އުސޫލާ ހިލާފަށް ކަމަށް މީގެ ކުރިން, ދިފާއީ ވުޒާރާއިން ބުނެފައިވެ އެވެ.

ވަޒީރު ކޮމިޓީއަށް ހާޒިރުކޮށްފައިވާއިރު, މި މައްސަލައިގައި މަޖިލިސް ތަޅުމުގައި ސުވާލުކުރަން ވެސް މެންބަރަކު ވަނީ ހުށަހަޅައިފައެވެ.

ޣައްސާން އާ ސުވާލުކުރަން ނޯޓިސް ފޮނުވާފައިވަނީ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

އޭނާ ހުށަހެޅީ އިންޑިއާ ސިފައިން މަސްބޯޓަށް އަރާފައިވަނީ ރާއްޖޭގެ އިގްތިސޯދީ ހާއްސަ ސަރަހައްދު ތެރޭގައިތޯ ޑިފެންސް މިނިސްޓްރީއަށް ކަށަވަރުވެފައިވޭތޯ އާއި އެކަމުގެ ތަފްސީލު ހޯދުމަށް އެދިފައެވެ. އަދި, މި މައްސަލައާ ގުޅިގެން ތަކުރާރު ވިޔަ ނުދިނުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ވެސް ސުވާލުކުރަައްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!