ތަކުރާރުކޮށް ބުނެގެން ނުހުއްޓުނީމަ މާލެ-ވިލިމާލެ ކަނޑުއޮޅި ބަންދުކޮށްފި
މާލެ- ވިލިމާލެ އަދި ވިލިމާލެ- ގުޅިފަޅު ދެމެދުގައިވާ ކަނޑުއޮޅިން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވާތީވެ އެ ސަރަހައްދުން ބަންދުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ މިނިސްޓްރީއިން ތަކުރާރުކޮށް މަނާކޮށްފައިވާ ކަމެއްކަމަށް ވީނަމަވެސް އަދިވެސް އެ ދެ ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށެވެ.
''ވަކިން ހާއްސަކޮށް ރިޒޯޓްތަކުގެ ސްޕީޑުބޯޓުފަހަރު މިދެ ކަނޑުއޮޅި ބޭނުންކުރަމުން ގެންދާކަންވަނީ ފާހަގަ ކުރެވިފައެވެ'' މިނިސްޓްރީންކޮށްފައިވާ އިއުލާނެއްގައި ބުންޏެވެ.
މާލެ- ތިލަފުށި ލިންކު މަޝްރޫއުއާ ގުޅޭ ގިނަ މަސައްކަތްތަކަށް ބާޖު އަދި ސެލްފް އެލެވޭޓަޑް ޕްލެޓްފޯމްތައް ބޭނުންކޮށްގެން އެ ދެ ކަނޑުއޮޅީގައި ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ދެ ކަނޑުއޮޅީގައިވެސް ނަގިލި އެޅުމަށް ގިނަ އަދަދެއްގެ ބޮއިތަކާއި ވާތައް އަޅާފައި އޮތުމުން މިދެ ކަނޑުއޮޅި ބޭނުން ކުރަމުންދާ އާންމު އުޅަނދުތަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
''އެހެންކަމުން މިދެ ކަނޑުއޮޅިން ދަތުރުފަތުރުކުރުމަކީ ރައްކާތެރިކަމަކަށްނުވާތީ މިދެ ކަނޑުއޮޅި ބަންދު ކޮށްފައިވާ ވާހަކަ އާއްމުކޮށް އަންގާ އިއުލާންކޮށްފައެވެ''
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދު 20 ވަނަ މާއްދާގެ (ށ)ގެ (23) ގެ ދަށުން ކަނޑުގެ ވަކި ސަރަހައްދަކަށް ވަނުން މަނާކޮށްފައިވާ ސަރަހައްދަކަށް ވަދެފިނަމަ އެފަރާތެއްގެ ލައިސަންސް އެއް މަސްދުވަހަށް ހިފެހެއްޓުމަށް ކަނޑައަޅާފައިވާގޮތަށް މާލެ- ވިލިމާލެ އަދި ވިލިމާލެ- ގުޅީފަޅު ދެ ކަނޑުއޮޅިން ދަތުރުފަތުރުކުރާ ފަރާތްތަކުގެ ލައިސަންސް ހިފެހެއްޓޭނެ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.