ޚަބަރު

އަނަސް މައްސަލައިގައި ކުށް ސާބިތުނުވެ ދޫވި މީހަކު އިތުރު މައްސަލައެއްގައި ހައްޔަރަށް!

އައިކާ ޔުނާން ، ދެން އޮންލައިން
ރ. މީދޫ ފެންފިޔާޒުގެ މުހައްމަދު އަނަސް

ރ.މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ކުށް ސާބިތުނުވެ, ދޫވި މީހަކު އިތުރު މައްސަލައެއްގައި ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފިއެވެ.

Ads by Hajj Corporation

އަނަސް މަރާލިތާ ހަތް އަހަރެއްހާ ދުވަސް ފަހުން އެ މައްސަލާގައި ދައުވާ އުފުލި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށް ދޫކޮށްލީ މިދިޔަ މަހު ފަހުކޮޅުގަ އެވެ.

ހޯމްލޭންޑް ސެކިއުރިޓީން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އިސްމާއީލް ނަވީން ވިދާޅުވީ, ރޭ ކުރިއަށް ދިޔަ އޮޕަރޭޝަނެއްގައި ލޯންޗެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އަނަސް މަރުގެ މައްސަލައިގައި ކުށް ސާބިތުނުވެ ދޫވި މީހަކު ހިމެނޭ ކަމަށާއި އިތުރު އެހެން މައްސަލައިގައި އޭގެ ތެރެއިން އިތުރު މީހަކު ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. ހެކި ނެތް ކަމަށް ބުނެ ސާބިތުނުވާ ކަމަށް ހުކުމްކުރީ މައްސަލައިގައި އަޑުއެހުންތައް ވެސް ނިމުނުތާ 10 މަސް ފަހުންނެވެ.

ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާ އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ.

ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލީ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.

އަނަސް މަރާލިތާ ހަތް އަހަރު ފަހުން ކޯޓުން އިއްވި ހުކުމްގައި ބުނީ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް، އެ ހަތް މީހުން ކުށުގައި ބައިވެރިވާ ކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.

ހުކުމުގައި ބުނީ ދައުވާ ލިބޭ ހަތް މީހުން ކަށަވަރު ކުރަން ވެސް އިތުރު އެހެން އެއްވެސް ހެއްކެއް، ބާރު ދޭނެ ހެއްކެއް ވެސް ހުށަހަޅާފައި ނެތް ކަމަށެވެ.

މީގެ ހަތް އަހަރު ކުރިން، 2017 ވަނަ އަހަރު އަނަސް މަރައިލީ ލިޓަސް ސާވިސް ސެންޓަރު ތެރޭގައެވެ. އޭނާ މާރާލާފައިވަނީ އެތަނަށް ވަނުމާއެކު ހަށިގަނޑުގެ އެތަން މިތަނަށް ވަޅި ހަރައި ހަމަލާދީގެންނެވެ. އަނަސް އަށް ހަމަލާ ދިނީ މާލޭގައި ހަރަކާތްތެރިވާ ދެ ގޭންގެއް ގުޅިގެންނެވެ. އަނަސް މަރާލާ މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް އާންމުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!