ޚަބަރު

ކެނދިކުޅުދޫ ނޫސްބަޔާން ބާތިލުކުރަން އެލްޖީއޭއަށް ނޭންގޭނެ: އޭޖީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން ނޭންގޭނެ ކަމަށާއި އެގޮތަށް ލަފާ ވެސް ދީފައިވާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އެކި ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނެއްގައިވަނީ އެ ދަތުރުތަކަކީ ކެމްޕޭން ހަރަކާތަކަށް ދައުލަތް ބޭނުންކުރުން ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ. އެކަމާ ގުޅިގެން އެ ނޫސްބަޔާން ބާތިލުކުރުމަށް އެ ކައުންސިލަށް އެލްޖީއޭއިން ވަނީ މިދިޔަ އާދީއްތަ ދުވަހު އަންގާފައެވެ.

ރައީސް މުއިއްޒު މިހާރު ރަށްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ކެނދިކުޅުދޫއަށް ވަަޑައިގެން އެރަށުގައި ކެމްޕޭން ކުރެއްވިކަމަށް ތުހުމަތުކޮށް އެރަށު ކައުންސިލުން ބަޔާން ނެރުމުން އެލްޖީއޭއިން ކެނދިކުޅުދޫ ކައުންސިލަށް އަންގާފައިވަނީ ކައުންސިލުގެ މެމްބަރުންގެ ސޮއި ނެތި، އަދި ކައުންސިލުން ނޫސް ބަޔާނަކަށް ޒިންމާވާނެ ފަރާތެއްގެ ނަން ނެތުމަކީ އެ ކައުންސިލުން ނެރުނު ބަޔާނުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އެހެންކަމުން ކައުންސިލުން ނެރުނު ބަޔާން ބާތިލުކޮށް އެކަން މިމަހުގެ 5 ވަނަ ދުވަހުގެ މެންދުރު 2:00 ކުރިން އެލްޖީއޭއަށް އެންގުމަށެވެ.

މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޖީ އުޝާމް ވިދާޅުވީ ކައުންސިލަކުން ނޫސްބަޔާނެއް ނެރުމުން، އެ ނޫސްބަޔާން ބާތިލުކުރަން އެލްޖީއޭއަށް އެންގިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ބަޔާނެއް ބާތިލުކުރަން އެންގުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ އެލްޖީއޭއަށް އެގޮތަށް އަމަލުކުރެވިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް މިހާރު ދަންނަވާފައިވާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!