ޚަބަރު

ކުރީ ސަރުކާރުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް 1 ބިލިއަން ރުފިޔާ ދޫކުރި: އޭޖީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މިދިޔަ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ސެޓްލްމެންޓް ކޮމިޓީން، ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ ހަރުމުދާ ދީފައިވާ މައްސަލަތަކެއް ބަލަމުންގެންދާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ސެޓްލްމަންޓް ކޮމެޓީ އަކީ ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް އުފެއްދި ކޮމިޓީއެކެވެ. އެ ކޮމިޓީ ރައީސް އޮފީހުން އުވާލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވަނީ އެ ކޮމިޓީން އަމަލު ކުރަމުން ގެންދިޔައީ ގާނޫނީ އޮނިގަނޑެއް، ބާރެއް ނެތި ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވާފައިވާ ކަމަށެވެ.

އެ އުސޫލުގެ ދަށުން މައްސަލަތައް ހައްލުކުރުމުގެ ނަމުގައި އެކި ފަރާތްތަކަށް މާލީ ބަދަލުތައް ދިނުން ފަދަ ކަންކަން ދައުލަތުގެ ބަންޑާރަ ނާއިބުގެ އޮފީހުގެ އެއްވެސް ބައިވެރިވުމެއް ނެތި، އަދި އެއްވެސް ލަފައެއްވެސް ނެތި ކުރިއަށް ގެންދިޔައީ، ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އާއި ހިލާފަށް ކަމަށްވެސް ބަޔާން ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިއަދު ޑިފެންސް މިނިސްޓަރީއާއެކު އޭޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާއި ރަށްތަކާއި ފަޅު ފަދަ ތަންތަން އަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދީފައިވާ ކަމަށެވެ.

"ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިހުރި ސެޓްލްމެންޓު އަގުކުރާނަމަ 1 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހަރުމުދަލާއި ފައިސާގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާކަން ފާހަގަކުރެވޭ،" އުޝާމު ވިދާޅުވިއެވެ.

މީގެ އިތުރުން އެ ކޮމިޓީން ބަދަލުދިނުމަށް ނިންމާފައި ހުރި ބައެއް މައްސަލަތަަކަކީ ޝަރޫއީ ކޯޓުތަކަށް ހުށަހެޅިގެން ހިނގަމުން އައި މައްސަލަތައް ކަމަށް ސެޓްލްމެންޓު ކޮމިޓީގެ ނިންމުންތައް މުރާޖައާކުރުމުގެ ތެރެއިން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ކޮމިޓީން ނިންމާފައިވާ 10 މައްސަލައެއް ބެލުމަށް މިހާރު އޮޑިޓާ ޖެނެރަލްގެ އޮފީހަށް ބަންޑާރަނައިބުގެ އޮފީހުން ފޮނުވާފައިވާކަމަށް އުޝާމް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!