މާލެ ގޮނޑުވުމުގެ މައްސަލަ ބޮޑުވެ، ވެމްކޯއިން ހިލޭ ކުނި އުކާލަދެނީ

ރޯދައާއި ދިމާކޮށް ބޮޑެތި ކުނި އުފައްދާ މިންވަރު އިތުރުވެފައިވާތީ އެ ކުނި އުކާލުމަށް ދިމާވެފައިވާ ކަންބޮޑުވުންތަކާއި ގުޅިގެން ހިލޭ ކުނި އުކާލެވޭ އިންތިޒާމު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހަމަޖައްސައިފިއެވެ.
އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، މިއަދު ހަޔަކުން ފެށިން ގްރޭޓާ މާލެ (މާލެ، ވިލިމާލެ، ހުޅުމާލެ) ސަރަހައްދުގެ ޓްރާންސްފާ ސްޓޭޝަންތަކަށް އާއްމު ރައްޔިތުން ގެންނަ ބޮޑެތި ކުނި އަދި ގޭ ސާފުކުރުމުގައި އުފައްދާ ކުނި ހިލޭ އުކާލެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަަމަށެވެ.
ހިލޭ ކުނި އުކާލަދޭނީ މި މަހުގެ 13 ވަނަ ދުވަހުގެ 23:59 އާ ހަމަޔަށެވެ. އެ މުއްދަތުގެ ތެރޭގައި އާއްމު ރައްޔިތުންގެ ކުނި ގެންނަ ވެހިކަލްތަކުން އެންޓްރީ ފީ އަދި ޑިސްޕޯސަލް ޗާޖުވެސް ދައްކަން ނުޖެހޭނެ ކަމަށް ވެމްކޯއިން ބުންޏެވެ.
ނަމަވެސް އެ މުއްދަތު ތެރޭގައި ޓްރާންސާ ސްޓޭޝަންތަކަށް ވިޔަފާރިތަކުން ކުނި އުކާނީ ހަމަ މިހާރެކޭވެސް އެއްފަދައިން ގެނެވޭ ކުނީގެ ބަރުދަނަށް ބަލައި ކިލޯއަކަށް 75 ލާރީގެ މަގުން ފީ ދެއްކުމަށް ފަހު ކަމަށެވެ. ސަރުކާރުގެ މުއައްސިސާތަކުންނާއި ވިޔަފާރި އުސޫލުން ގަވާއިދުން ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް މިހާރުވެސް އެއްފަދައިން ކިލޯއަކަށް 2.66 ރުފިޔާ ދައްކަން ޖެހޭނެއެވެ. އެ ވެހިކަލްތަކުން އެންޓްރީގެ ފީގެ ގޮތުގައި ކޮންމެ ފަހަރަކު 150 ރުފިޔާ ދައްކަންޖެހެއެވެ.
ވެމްކޯއިން ބުނީ ހިލޭ އުކާލާ ކުނީގެ ތެރޭގައި ތެތް ކުނި (ކާބޯތަކެތި ފަނާވާ ޒާތުގެ ކުނި) އަދި އިމާރާތްކުރުމާއި އިމާރާތް ތަޅާލުމުގައި އުފައްދާ ކުނި ނުހިމެނޭނެ ކަމަށެވެ. މާދަމާ ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތް ދޭން ފަށާނީ ދޭއް ޖަހާއިރުއެވެ.