ޚަބަރު

އިއްޔެ 17 ޓަނު ކުނި ނެގި، މޭޔަރު އެދުނީ މާލޭ މަގުމައްޗަށް ކުނި ނާޅަން

އައިޝަތު ނިއުޝާ ، ދެން އޮންލައިން
މާލޭގެ މޭޔަރު އާދަމް އާޒިމް/ ފޮޓޯ: ސިޓީ ކައުންސިލް

މާލޭގެ މަގުތަކަށް ކުނި އެޅުން ހުއްޓާލުމަށާއި، ދިރިއުޅޭ ވެށި ސާފުކޮށް ބޭއްވުމަށް މާލޭ މޭޔަރު އާދަމް އާޒިމް އެދިއްޖެ އެވެ.

Ads by MWSC

މާލޭގެ މަގުތަކަށް ކުނި އަޅާތީ ކަންބޮޑުވުން ފާޅުކޮށް، އެކްސްގައި މޭޔަރު އާޒިމް ވިދާޅުވީ، ދިރިއުޅޭ ގެދޮރާއި ވެށި ސާފުކޮށް ބޭއްވުމަކީ އެންމެންނަށް ހިތްފަސޭހަ ކަމަކަށް ވާނެ ކަމަށެވެ.

ރޯދަމަހާ ދިމާކޮށް ގޭތެރެ ސާފު ކުރުމާއި، ފަރުނީޗަރު ބަދަލުކުރުން ފަދަ ކަންކަމުން އުފެދުނު ގިނަ އަދަދެއްގެ ކުނި މަގުތަކަށް ނެރެފައި އެބަހުއްޓެވެ. ސިޓީ ކައުންސިލުން އަންނަނީ އެތަކެތި ނަގައި މަގުތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އާޒިމް ހާމަކުރެއްވި ގޮތުގައި އިއްޔެގެ އެންމެ ހަތަރު ގަޑިއިރުން މާލޭގެ އެކި ސަރަހައްދުތަކުން 22.5 ޓަނަށް ވުރެ ގިނަ ކުނި ނަގަން ޖެހުނެވެ. ސިޓީ ކައުންސިލުގެ މިޑީއާ އޮފިޝަލް ''ދެން'' އަށް ވިދާޅުވީ އިއްޔެ މާލޭ މަގުމަތިން 17 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ.

އަދި ރޯދައިގެ ކުރީ 16 ދުވަހުގެ ތެރޭގައި ޖުމްލަ 222.5 ޓަނުގެ ކުނި މާލެތެރެއިން ނަގާފައިވާކަމަށް ވެސް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ "މިއީ 25 ފޫޓުގެ ނުވަ ކޮންޓޭނަރުގެ ކުނި" ކަމަށެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ކުނި ގިނަވާތީ ވޭސްޓު މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯއިން) ހިލޭ ކުނި އުކާލެވޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

ތެތް ކުންޏާއި، އިމާރާތް ތަޅާލުމުން އުފެދޭ ކުނި ނުހިމަނައި، އެހެން ހުރިހާ ބާވަތެއްގެ ކުންޏެއްވެސް އެއްވެސް އަގަކާ ނުލައި މާދަމާގެ ނިޔަލަށް ވެމްކޯއިން އުކާލައިދޭނެ އެވެ. މި މުއްދަތުގެ ތެރޭގައި އާއްމު ރައްޔިތުންގެ ކުނި ގެންނަ ވެހިކަލްތަކުން އެންޓްރީ ފީ އަދި ޑިސްޕޯސަލް ޗާޖުވެސް ދައްކަން ނުޖެހޭނެ ކަމަށް ވެމްކޯއިން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!