އެންމެފަހުން ފެނަކަ ކުޅުދުއްފުށީ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ޖަމާކޮށްދީފި

މުސާރާނުދޭތާ އެތައް ދުވަސްތަކެއްވެއްޖެ ކަމަށް ބުނެ ކުރި އިހުތިޖާޖާ ގުޅިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހދ. ކުޅުދުއްފުށީ ބްރާންޗުގެ މުވައްޒަފުންނަށް މުސާރަ އާއި ރޯދަ އިނާޔަތް މިއަދު ޖަމާކޮށްފިއެވެ.
ހުސްވި ފެބްރުއަރީ މަހުގެ މުސާރަ އާއި ރޯދަ އިނާޔާތް ނުލިބޭތީ މިއަދު ބޭއްވި އިހުތިޖާޖުގައި ގިނަ މުވައްޒަފުންތަކެއް ބައިވެރިވިއެވެ.
އިހުތިޖާޖަށް ނިކުތް މުވައްޒަފުންނާ ހަވާލާދީ މީޑިއާތަކުގައި ބުނެފައިވާ ގޮތުން މުސާރަ އާއި ރޯދަ އިނާޔަތް ޖަމާކޮށްދޭން ބުނާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި ކޮންމެ ދުވަހަކު ދެމުން އަންނަނީ އައު ތާރީހެއް ކަމަށެވެ.
އެކަމާއި ގުޅޭ ގޮތުން ''ދެން''އާ ވާހަކަ ދައްކަމުން ފެނަކައިގެ މީޑިއާ އޮފިޝަލާ ވިދާޅުވީ ހުރިހާ މުވައްޒަފުންނަށް މުސާރައާއި ރޯދަ އިނާޔަތް މިހާރު ދީފައިވާ ކަމަށެވެ.
ބައެއް މުވައްޒަފުން ބުނެފައިވާ ގޮތުން އެ މީހުންނަށް މުސާރާ އާއި އިނާޔަތް ޖަމާވެފައިވަނީ މެންދުރުއެވެ.