ރިޕޯޓް

ރިޝްފާގެ މެސެޖު ފޭނުންނަށް: މީހުންނަށް އެހީވޭ، އެކަމަކު ފުރަތަމަ އަމިއްލަ ނަފްސު އިސް ކުރޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފިލްމީ ތަރި ރިޝްފާ/ ފޮޓޯ: ދެން

ބަބްލްސްގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ދިވެހި ފިލްމީތަރި އައިމިނަތު ރިޝްފާ ފާހަގަވެފައިވަނީ މީހުންނަށް އެހީތެރިވުމުގައި ލާމަސީލު ނަމޫނާއެއް ގޮތުގައެވެ.

Ads by STELCO

މީގެ ކުރިން ރެޑްކްރެސެންޓުގައި ވެސް މަސައްކަތްކޮށް، ކޮވިޑްގެ ދުވަސްވަރުގައި ވެސް ބިރެއްނެތި ރައްޔިތުންނަށް އެހީވުމުގައި ވަގުތު, އޭނާ ހޭދަކުރިއެވެ.

މީހުންނަށް އެހީވުމުގައި މީގެ ކުރިން ފަސްނުޖެހުނު ރިޝްފާ، އޭނާގެ ފޭނުންނަށް މިފަހަރު މިދެނީ ތަފާތު ނަސޭޙަތެކެވެ.

މި ރަމަޟާންމަހަށް ޚާއްސަ ކޮށްގެން "ދެން" އިން ގެނެސްދޭ "10 ސުވާލު" ޕްރޮގްރާމުގެ ސުވާލަކަށް ޖަވާބުދެމުން ރިޝްފާ ބުނީ އޭނާގެ އަމިއްލަ ދިރިއުޅުމަށް ބަލާފައި ފޭނުންނަށް ދޭނެ ނަސޭހަތަކީ، ފުރަތަމަ އަމިއްލަ ނަފްސު އިސް ކުރުމަށެވެ.

"މީހުންނަށް އެހީ ނުވާށެކޭ ނޫން. އެހީވާންވާނެ، އެއީ ވަރަށް އުފާވެރިކަން ލިބޭ ކަމެއް. އެކަމަކު އަބަދުވެސް އެންމެ ފުރަތަމަ އިސްކުރަން ވާނީ އަމިއްލަ ނަފްސު" ރިޝްފާ ބުންޏެވެ.

ރިޝްފާ ބުނި ގޮތުގައި މީގެކުރިން އޭނާވެސް ބޮޑަށް އިސްކުރީ އެހެން މީހުންނަށް އެހީވުމެވެ. ނަމަވެސް މީހަކަށް ކިތަންމެ ކަމެއް ކޮށްދިނަސް އެކަން ގިނަމީހުން ބަލައި ނުގަންނަ ކަމަށް ރިޝްފާ ބުންޏެވެ.

ރިޝްފާއަކީ އެކްޓަރުންގެ ތެރެއިން އެންމެ ގިނަ މީހުންގެ ފާޑުކިޔުން ވެސް އަމާޒުވާ އެއް ފަންނާނެވެ. އޭނާގެ ޚަބަރެއް، ނުވަތަ ޕޯސްޓެއް ޕޭޖަކުން ފެނިއްޖެނަމަވެސް، އޭނާއާ އަށް ހަޖޫވެސް ޖަހަައެވެ. ގަނާކޮށް، ވަރަށް ހަޑި ހުތުރު ބަހުންވެސް ބައެއް މީހުން ކޮމެންޓުވެސް ކުރެއެވެ.

އެކަމަކު އެކަމަކަށް ރިޝްފާގެ މާ ބޮޑު ހާސްކަމެއް ނެތެވެ. ބުނީ، އެފަދަ ކޮމެންޓުތައް އޭނާ ބަލާލަނީ ވެސް އެހެން މީހަކު އެކޮމެންޓެއްގެ ވާހަކަ އޭނާ ގާތު ބުނުމުން ކަމަށެވެ.

"ސީދާ އެހެން ކޮމެންޓުތައް ބަލާ ނުހަދަން. އަދި އެއަށް ރައްދެއް ވެސް ނުދެން. މީހުން ކިޔާ އެއްޗެއްސަށް އެހާ ނުވިސްނަން. އެއީ އެނގޭ މީހުން ފާޑުފަޑު އެއްޗެހި އަބަދުވެސް ކިޔާނެކަން" ރިޝްފާ ބުންޏެވެ.

ރިޝްފާ ބުނި ގޮތުގައި އާންމުކޮށް މީހުން ކިޔާ އެއްޗެހި އޭނާ އަޑެއް ނާހައެވެ. ނަމަވެސް ބައެއްފަހަރު، މީހުން ފަތުރާ ހަގީގަތާ ޚިލާފު ވާހަކަތައް އިވިފައި އޭނާ ވަރަށް ހައިރާންވާ ކަމަށް ވެސް ބުންޏެވެ.

  1. މަމމމމމމ

    ރުޅިއަކުންނެއް ނޫން އެކަމު ދިވެހި ފިލްމު ކުޅޭ މީހުން ދައްކާ ރަނގަޅު ވާހަކަވެސް ސިފަކުރެވެނީ ޖޯކަކައް…. ތިޔަމީހުންނަށް ރެސްޕެކްޓެއް ނުކުރެވެ…