ޚަބަރު

ސިއްރު ހިފެހެއްޓުމުގެ ގާނޫނަކަށް ސަރުކާރު އޮތީ ތައްޔާރަށް!

އައިކާ ޔުނާން ، ދެން އޮންލައިން

ސިއްރުތައް ހިފެހެއްޓުމާ ބެހޭ ގާނޫނެއް އެކުލަވާލަން ޖެހޭ ކަމަށާއި އެކަމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ދިފާއީ ވަޒީރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ވަޒީރުންނާ ސުވާލުކުރުމުގެ މިއަދުގެ ފުރުސަތުގައި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަން ހާމަކުރެވޭނެ އެއްވެސް ސިޔާސަތެއް ނުވަތަ ޕްރޮޓޮކޯލެއް ނުވަތަ އެސްއޯޕީއެއް ގެންގުޅުއްވާތޯ ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ, ސަރުކާރުގެ ސިޔާސަތީ ސަރުކާރުގެ ސިއްރުތަކާ ބެހޭ ގާނޫނެއް އެކުލަވާލުން ކަމަށާއި އޭގެ ދަށުން ބައެއް ކްލެސިފިކޭޝަން ތަކާއެކު ދައުލަތުގެ އެކިވަރުގެ ސިއްރު ހިފެހެއްޓޭނެ ނިޒާމެއް ކަށަވަރުވެގެންދާނެ ކަމަށެވެ.

ޣައްސާން ވިދާޅުވީ މި ނިޒާމު ގާއިމް ކުރުމަށް މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީއާއެކު މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ.

މި ނިޒާމު އެކުލަވާލެވިއްޖެނަމަ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މިފަދަ މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހާ އަބަދުވެސް ހިއްސާކުރެވޭނެ ކަމަށް ޣައްސާން ވިދާޅުވިއެވެ.

"އެއީ އެއްވެސް ސިޔާސީ ބޭނުމުގައި އެކަހަލަ މައުލޫމާތު ހާމަކުރުން ހުއްޓުވުމަށްޓަކައި، މިކަން ދައުލަތުން ހިންގަން މަޖިލީހާ ސަރުކާރާ ގުޅިގެން މަޝްވަރާކޮށްގެން ކުރިއަށް ގެންދަން ޖެހޭ ބައިވަރުކަންތައް އެބަހުރި، މިކަން ކުރުމަށްޓަކައި ސަރުކާރު މިިތިބީ ތައްޔާރަށް," ޣައްސާން ވިދާޅުވިއެވެ.

މިފަދަ ގާނޫނެއް އަންނަ ދުވަހަކު ކޮންމެ ސަރުކާރެއް ވެރިކަމުގައި އޮތް ކަމުގައިވިޔަސް މަޖިލީހާ އެކު މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޣައްސާން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!