ހަޔާ އެޑިއުކޭޝަނަށް ޕީއެސްއަކު ހޯދަނީ
މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް މީހަކު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން ހުޅުވާލައިފިއެެވެ.
ސީއެސްސީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އެ ކޮމިޝަންގެ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ހަޔާ އެޑިއުކޭޝަންގެ ޕީއެސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މަގާމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް ހަތެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު؛ ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް ނުވައެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު؛ ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ހަތަރު އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމެވެ.
މަގާމުގެ އަސާސީ މުސާރައަކީ މަހަކު 20،500.00 (ވިހިހާސް ފަސްސަތޭކަ) ދިވެހި ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15،000.00 (ފަނަރަހާސް) ދިވެހި ރުފިޔާއެވެ.
ޕީއެސްގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، ލިޔުންތައް އެޕްރީލް 17 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ސީއެސްސީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން، އިޢުލާނުގެ މުއްދަތުގެ ތެރޭގައި ރަސްމީ ދުވަހެއް ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަތުމުގެ މުއްދަތު އިތުރުކުރެވޭނެއެވެ.