ޔާމީން އުޅެނީ މުއިއްޒު ރަނގަޅަށް ވެރިކަން ކުރާތީ ހަޖަމް ނުވެގެން: ސައީދު
ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ވެރިކަން ކޮށްފައި ފައިބާ ރައީސުން އެހެން ވެރިޔަކު ވެރިކަންކުރާ މަންޒަރު ފެނުން ހަޖަމް ނުވުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ފާޑުވިދާޅުވެއްޖެއެވެ.
ޔާމީން އިސްވެ ހުންނަވާ އުފައްދަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕީޕަލް ނޭޝަނަލް ފްރޮންޓު (ޕީއެންއެފް) ގެ ޖަލްސާތަކުގައި އެމަނިކުފާނު ގެންދަވަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. ރޭ ބޭއްވި ޖަލްސާ އެއްގައި ޔާމީން ވަނީ ޑޮލަރުގެ އަގުދަށްވުމާއި ގުޅޭ ގޮތުން ސަރުކާރުން ދައްކަމުންދާ ވާހަކަ އަށް ރައްދު ދެއްވާފައެވެ. ސަރުކާރުން ބުނަނީ ދިވެހި ރުފިޔާއާ އަޅާބަލާ އިރު ޑޮޮލަރުގެ އަގު ދަށްވެފައިވަނީ އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށެވެ.
އެކަމަކު ޔާމީން ވިދާޅުވީ އެކަން އެގޮތަށްވީ މަޝްރޫއުތައް ހުއްޓާލާފައި އޮތުމުން ޑޮލަރަށް އޮތް ޑިމާންޑް ކުޑަވެފައި އޮތުމުން ކަމަށެވެ. ޔާމީން ވިދާޅުވީ ހުރިހާ މަޝްރޫއެއް އޮތީ ހުއްޓާލާފައި ކަމަށެވެ.
ޔާމީން ދެއްކި ވާހަކަ ލިޔެފައިވާ ހަބަރެއް ރީ-ޕޯސްޓު ކުރަމުން ސައީދު ވިދާޅުވީ ޑޮލަރުގެ އަގު އަދިވެސް ދާނީ ދަށަށް ކަމަށެވެ.
''އެކަން އެހެންވަނީ ރައީސް މުއިއްޒުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން'' ސައީދު ވިދާޅުވީ އެއްވެސް ވެރިކަމެއްގައި ކުރިއަށްނުދާ ބާރުމިނުގައި ހުއްޓިފައިވާ މަޝްރޫއުތައް މި ސަރުކާރުގައި ކުރިއަށްދާ ކަމަށެވެ.
ސައީދު ވިދާޅުވީ ގައުމުގެ މާލީ ހާލަތު އޮތީ، މީގެ ކުރީން ވެރިކަމެއް ބަދަލުވެ އައު ސަރުކާރަކާއި ގައުމު ހަވާލުވިއިރު އޮތް އެއްމެ ނުރައްކާތެރި ހާލަތުގައި ކަމަށެވެ.
''މިއީ ހަގީގަތް!! ރާއްޖެއަށް ދިމާވެފައިވާ އެއްމެބޮޑު އެއް މައަސަލަ އަކީ ވެރިކަންކޮށް ފައިބާ ފަރާތްތަކަށް އެހެންވެރިއަކު ވެރިކަންކުރާ މަންޒަރު ހަޖަމްނުވުން'' ޔާމީންގެ ނަން ނުގެންނަވައި ސައީދު ވިދާޅުވިއެވެ.