މެދުކެނޑުމަކަށް ފަހު ޝަހީމް މިރޭ އިމާމުކަން ކުރައްވަން ފައްޓަވަނީ
ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން, އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިމާމުވެ ނަމާދުކުރުން މެދުކަނޑާލެއްވުމަށް ފަހު މިރޭ އަލުން ފައްޓަވަން ނިންމައިފިއެވެ.
ޝަހީމް މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, މިރޭ އިސްލާމީ މަރުކަޒުގައި ކުރެވޭ ދަމު ނަމާދުގެ އިމާމުކަން ކުރައްވާނެ ކަމަށެވެ.
މި ރޯދަ މަސް ފެށިގެން ހުޅުމާލޭ ރަޝީދު މިސްކިތުގައި އިމާމުވެ ތަރާވީހު ނަމާދު ކުރައްވަމުން ގެންދެވީ ޝަހީމެވެ. ނަމަވެސް, ދިމާވި ސިއްހީ ސަބަބަކާ ގުޅިގެން ގިނައިރު ކޮޅަށް ހުންނަން ދަތިވުމާ ގުޅިގެން ތަރާވީހު ނަމާދުކުރުން މެދުކަނޑާލަން ޑޮކްޓަރު ލަފާ ދެއްވުމާ ގުޅިގެން މާޗް 23 ގައި މެދުކަނޑާލެއްވިއެވެ.
އޭގެ ފަހުން ޝަހީމް ވަނީ ސާޖަރީއަކަށް ވަޑައިގަންނަވާފައެވެ. ޝަހީމަށް ދިމާވީ ކޮން ސިއްހީ ހާލަތެއް ކަމެއް ވިދާޅެއްނުވެއެވެ.
ޝަހީމް އޭރު ވިދާޅުވި ގޮތުގައި އިމާމުކަމަކީ ކުޑައިރުން ފެށިގެން ވެސް ވަރަށް ލޯތްބާއި ޝައުގުވެރިކަމާ އެކު ކުރައްވާ ހިތުން ކުރައްވާ ކަމެކެވެ.
ޝަހީމްގެ ވަޒީރުކަމުގެ ދަށުން މިހާރު މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ގިނަ އަދަދެއްގެ ޒުވާނުންދަނީ ތަރާވީހް ނަމާދު އިމާމުވެ ކުރަމުންނެވެ.