ޚަބަރު

އީދުގައި ކެމްޕޭނަށް ސޯލިހު ފުވައްމުލަކަށް ވަޑައިގަންނަވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މީގެ ކުރިން ސޯލިހު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މާދަމާ ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by MWSC

ސޯލިހު، ފުވައްމުލަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރުއެވެ.  އެމްޑީޕީގެ އެމްޑީޕީގެ އެޑްވައިޒަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ސޯލިހު، ސަޕޯޓަރުންނާ ބައްދަލުވުކުރެެއްވުމަށް ޖަލްސާ އެއް ބާއްވާނެއެވެ.

މިއީ ވެރިކަމުން ފައިބައިވަޑައިގަތް ފަހުން އެމަނިކުފާނު ފުވައްމުލަކަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައިވެސް ސޯލިހު ފުވައްމުލަކަށް ވަޑައިގެންނެވިއެވެ.

މި ހިނގާ 19 ވަނަ މަޖިލީހުގައި ފުވައްމަލަކު ތަމްސީލުކުރައްވާ ހުރިހާ މެންބަރުންނަކީވެސް އެމްޑީޕީގެ ޓިކެޓުގައި ހޮވިވަޑައިގެންނެވި މެންބަރުންނެވެ. ފުވައްމުލަކު އެއް ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާއަކަށްވެސް އެމްޑީޕީން ވާދަކުރެވެ. ދެކުނު ދާއިރާއަށް ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު ނަޒްރާ ނަސީމް (ނަޒޫ) ވާދަކުރައްވާއިރު މެދު ދާއިރާއަށް ވާދަކުރައްވަނީ މިހާރުވެސް އެ ދާއިރާގެ މެންބަރުކަން ފުރުއްވަމުން ގެންދަވާ ހުސެއިން މުހައްމަދު ދީދީއެވެ.

މި ސަރުކާރު ޒިންމާދާރު ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެންކަމަށް ކެމްޕޭނު ބައްދަލުވުންތަކުގައި ސޯލިހު ގެންދަވަނީ ވިދާޅުވަމުންނެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުންނަމަ މި ސަަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުންނެވެ. މި ސަރުކާރުން މަތިން ރައްޔިތުން ތިބީ ފޫހިވެފައިވާ ކަމަށްވެސް މިދިޔަ ފަސް އަހަރު ވެރިކަން ކުރެއްވި ސޯލިހު ގެންދަވަނީ ވިދާޅުވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!