މާވަށު ކައުންސިލް ރައީސް ގޮވާލެއްވީ ހައްދުންމަތީގައި އަޅާ އެއާޕޯޓް އެރަށު ކައިރީ އަޅަން
ހައްދުންމަތީގައި އެޅުމަށް ނިންމާފައިވާ ދެވަނަ އެއާޕޯޓް އެއަތޮޅު މާވަށު ކައިރީ އަޅައިދިނުމަށް އެރަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ އެދިވަޑައިގެންފިއެވެ.
އަޙްމަދު މޫސާ މިހެން ވިދާޅުވީ, ހައްދުންމަތީގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގައި އެއަރޕޯޓްތައް ތަރައްގީކުރާނެ އިތުރު ނުވަ ރަށެއް ރައީސްގެ ޤަރާރަކުން މިދިޔަ މާރިޗް މަހު ފަހުކޮޅު ރައީސް ވަނީ އިއުލާން ކުރައްވާފައެވެ. އޭގެ ތެރޭގައި ލާމު އަތޮޅުގައި އިތުރު އެއަރޕޯޓެއް އެޅުން ހިމެނެއެވެ. ނަމަވެސް އެއީ ކޮން ރަށެއްގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އެއާއެކު އެއަރޕޯޓް އަޅާނީ ކޮން ރަށެއްގައިތޯ ބަހުސެއް ފެށި, ސޯޝަލް މީޑިއާ ކެންޕެއިނެއް ވެސް ކުރިޔަށް ދެއެވެ.
އަޙްމަދު މޫސާ މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މާވަށަކީ އަތޮޅުގެ ބިތެއްގައި އޮންނަ ރަށެއް ކަމުން ދަތުރުފަތުރު ކުރުމަށް އެންމެ ބޮޑު ބުރައެއް އުފުލަމުން އަންނަ ބަޔަކީ އެ ރަށު މީހުން ކަމަށެވެ. އަދި އަތޮޅުގައި ގުޅިފައިވާ ރަށްތައް ފިޔަވާ ދެން އެންމެ ބޮޑު އާބާދީއަކީ މާވަށްކަން ވެސް ފާހަގަ ކުރެއްވިއެވެ.
"ދަތުރުފަތުރު ކުރުމަށްޓަކައި މާވަށު ރައްޔިތުން އުފުލާ ބުރަ ގައިމު ވެސް ހައްދުންމަތީގެ އިތުރު ރަށެއްގެ ރައްޔިތަކަށް ޖެހިފައި ނޯންނާނެ." އަޙްމަދު މޫސާ ވިދާޅުވިއެވެ.
އަޙްމަދު މޫސާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, މާވަށް އަތޮޅުގެ އެހެން ރަށްތަކާ ދުުރުގައި އޮންނާތީ, ބައެއް ޚިދުމަތްތައް ލިބުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.
"އަތޮޅުގެ ހުޅަނގު ބިތުގައ ތަރައްޤީ ވެފައިވާ ރަށްރަށާ ދުރުގައި އެކަހެރިކޮށް އޮތީ މި ރަށް. މި ރަށަށް ގެންނަން އެދޭ ވަރަށް ގިނަ ކަންކަން އެބަހުރި"
އަޙްމަދު މޫސާ އިތުރަށް ވިދާޅުވީ, ރަށުގެ އިޤްތިޞާދު ރަނގަޅު ކުރަން ވަޒީފާގެ ފުރުސަތަށް ބޭނުންވާ ކަމަށާއި ކައިރި ރަށްތަކުގައި ރިސޯޓް އެޅިގެން ދިއުމަކީ މާވަށު ޒުވާނުންގެ އުންމީދެއް ކަމަށެވެ.
އަޙްމަދު މޫސާގެ ވާހަކަފުޅުގައި ވަނީ މާވަށުގެ ރައްޔިތުން ތަރައްޤީއަކަށްޓަކައި ރައީސް މުއިއްޒާއެކުގައި ތިބިކަމުގެ ޔަޤީންކަން ދެއްވާފައެވެ.