Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މީގެ ކުރިން ނުދެކޭ ވަރުގެ ތަރައްގީ ލާމު އަތޮޅުން އެބަ ފެނޭ: ފައިސަލް

މީގެ ކުރިން ނުދެކޭ ވަރުގެ ތަރައްގީ ލާމު އަތޮޅުން އެބަ ފެނޭ: ފައިސަލް

އާބާދީގައި 14 ހާހެއްހާ މީހުން ދިރިއުޅެމުންދާ ލާމު އަތޮޅު ރައްޔިތުން މީގެ ކުރިން ނުދެކޭވަރުގެ ތަރައްގީ މި ސަރުކާރުން ގެންނަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް، ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ހައްދުންމަތީގެ ބައެއް ރަށްތަކަށް ދަތުރުފުޅު ކުރައްވަމުންނެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރަށްތަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.

ލ. އިސްދޫ އަދި ކަލައިދޫ ރައްޔިތުންނާ އެކު ރައީސް ބޭއްވި ބައްދަލުކުރެއްވުމުގައި އެ އަތޮޅު ފޮނަދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ފައިސަލް ވިދާޅުވީ މަޖިލީސް މެޖޯރިޓީ ސަރުކާރަށް މުހިއްމުވާ ސަބަބު އެކި ޕޯޑިއަމްތަކުގައި ރައީސް މުއިއްޒު ފާހަގަކުރައްވަމުން ގެންދަވާއިރު، ލާމު އަތޮޅުގެ ހުުރިހާ ގޮނޑިއެއްވެސް ސަރުކާރަށް ހޯދައިދޭން ޖެހޭ ކަމަށެވެ.

Advertisement
Ooredoo — Square (box)

އެހެންވެ އެ ދެ ރަށުގެ ޒުވާނުންނަށް ފައިސަލް ގޮވާލެއްވީ ދާއިރާގެ ގޮނޑި ސަރުކާރަށް ހޯދައިދޭން މަސައްކަތް ކުރުމަށެވެ. އިސްދޫ ސްކޫލުގައި ބޭއްވި އެ ބައްދަލުކުރެެއްވުމުގައި ފައިސަލް ވިދާޅުވީ ޒުވާނުންނަށް ދިމާވެފައިވާ ވަޒީފާގެ މައްސަަލަ އަށް ހައްލު ހޯދޭނީ ސަރުކާރުގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުކޮށްގެން ކަމަށެވެ.

ވަޒީފާތައް އުފެއްދެނީ ރަށް ކައިރީގައި އިތުރު ރިސޯޓްތައް ތަރައްގީކޮށް، ލޯކަލް ޓޫރިޒަމް ފުޅާކުރެވިގެން ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ލާމު އަތޮޅަށް ތަރައްގީ ގެނައުމަށްޓަކައި ހާއްސަ އިސްކަމެއް ރައީސް ދެއްވާކަމަށެވެ. އެކަމުގައި އެއްވެސް ޝައްކެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

https://twitter.com/presidencymv/status/1778395243341349071

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަަކަށް ބަދަލުކުރުން، ގާދޫގައި ބަންކަރިން ޕޯޓު ފަދަ ބޮޑެތި މަޝްރޫއުތަކަކީ އެ އަތޮޅު މިހާރަށްވުރެ ބޮޑަށް ތަރައްގީވެގެންދާނެ މަޝްރޫއުތައް ކަމަށެވެ. ލ. އަތޮޅުގައި ކޮމާޝަލް ޕޯޓު ހެދުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

''މިހިރީ މިއިން ދުވަހަކު ލާމު އަތޮޅަށް ނައަންނަވަރުގެ ބޮޑެތި މަޝްރޫއުތައް، ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރެއްވި މިތާގައި މި ފަސް އަހަރު ދުވަސް ތެރޭގައި އަޅުގަނޑުމެންނަށް އެކަށީގެންވާ ޓޫރިސްޓު އެނދު ތަރައްގީ ކުރެއްވިއްޖެ ކަމަށްވެއްޖެއްޔާ ޒުވާނުންގެ ދިރިއުުޅުމަށް ލާމު އަތޮޅު ރައްޔިތުންގެ ދިރިއުޅުމަށް ފުދުންތެރިކަން ހާސިލުކުރެވިގެންދާނެ'' ފައިސަލް ވިދާޅުވިއެވެ.

މި މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލީސް އިންތިހާބުގައި ލ. އަތޮޅުގެ ހަތަރު ދާއިރާއަކުން 13 ކެންޑިޑޭޓަކު ވާދަކުރެއެެވެ. ފޮނަދޫ ދާއިރާއިން ވާދަކުރައްވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ، އެމްޑީޕީގެ ޓިކެޓުގައި ހުސެއިން އަބޫބަކުރު، ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އަޒްލިފާ ޔޫސުފްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ އިބްރާހިމް އަނީސް އާއި އާމިނަތު ޝާކިރާއެވެ.

ގަމު ދާއިރާއަށް ވާދަކުރައްވާ ތިން ކެންޑިޑެޓުންނަކީ އަބްދުﷲ ޝަރީފް (އެމްޑީޕީ)، ޔޫސުފް ނަޝީދު (ޕީއެންސީ) ގެ އިތުރުން އަހުމަދު ޝަރީފް (އަމިއްލަ) އެވެ. އިސްދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި އަހުމަދު ޝުހާދު ވާދަކުރައްވާއިރު, ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަނީ އިސްމާއިލް ޝަފީއުއެވެ. އަމިއްލަ ގޮތުން ވާދަކުރައްވަނީ އަބްދުﷲ ފަޔާޒްއެވެ.

މާވަށު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި އަހުމަދު ޝާކިރު އަދި ޕީއެންސީގެ ޓިކެޓުގައި އަސްއަދުﷲ އާދަމް (އައްސޭ) ވާދަކުރައްވައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް