ޔާމީން، މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވަނީ

ކޮރަޕްޝަން އާއި މަނީލޯންޑްރިގެ ކުށުގައި އެމަނިކުފާނަށް ކޮށްފައިވާ ހުކުމް މިއަދު ހައި ކޯޓުން ބާތިލު ކުރުމާއެކު ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.
ހައި ކޯޓުން މިނިވަންވެ ވަޑައިގެންނެވުމާއެކު ޔާމީން ވަނީ މީޑިއާތަކާއި ވާހަކަ ދައްކަވާފައެވެ. ޕީއެންއެފްގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޔާމީން ވިދާޅުވީ އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލީސް އިންތިހާބަށް 48 ގަޑިއިރުވެފައިވާއިރު ނުހައްގުން ހުކުމެއް ކޮށްފައި ހުރުމުން ވަރަށް ގިނަ ކަންތައްތަކުން މަހުރޫމްވެފައިވާ ކަމަށެވެ. ނަމަވެސް މާދަމާ ރަށްރަށަށް ވަޑައިގަތުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ޔާމީން ވިދާޅުވިއެވެ.
އެކަމަކު ސީދާ ވަޑައިގަންނަވާނެ ރަށެއް ވިދާޅެއް ނުވެއެވެ. ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) މަލީހު މިރޭ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިރޭ ޕީއެންއެފް ޓީމް ފުވައްމުލަކަށް ދަތުރުކުރާނެ ކަމަށެވެ. އަދި ޔާމީން މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
''ފްލައިޓް މާލެއިން ފުރާނީ މިރޭ ދަންވަރު 12:30ގައި. މާދަމާ ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގަންނަވާނެ'' މަލީހު ވިދާޅުވިއެވެ.
ޔާމީން ފުވައްމުލަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު އެމްޑީޕީގެ ޓިކެޓުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރާ ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު ނަޒްރާ ނަސީމް (ނަޒޫ) އަށް ޕީއެންއެފުން ތާއިދުކޮށްފައިވެއެވެ. އެމްޑީޕީން ވަނީ، ފީއެންއެފްގެ ޓިކެޓުގައި ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރާ މުހައްމަދު ޝަރަފުއްދީން އަށް ތާއިދުކޮށްފައެވެ.