ޚަބަރު

2 މަސް ތެރޭގައި ކައުންސިލުން ކެނޑި ކޮންމެ ގަހަކަށް 28 ގަސް އިންދި

އައިކާ ޔުނާން ، ދެން އޮންލައިން
މާލޭ މަގެއްގައި ހުރި ގަސްތަކެއް ކަނޑާލަނީ/ ފޮޓޯ: މިހާރު

މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުން ފެށިގެން މާޗު މަހުގެ 27ގެ ނިޔަލަށް މާލޭ ސިޓީ ކައުންސިލުން ކެނޑި ކޮންމެ ގަހަކަށް 28 ގަސް އިންދާފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

Ads by Hajj Corporation

މިކަން ހާމަކޮށްފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން, ތިމާވެށީގެ ކަންކަމުގައި ވަކާލާތު ކުރާ ޒީރޯ ވޭސްޓު ޖަމިއްޔާގެ ފައުންޑަރު އަހުމަދު އަފްރާހު ކައުންސިލުން ކެނޑި ގަހާއި އިންދި ގަހުގެ އަދަދު ހޯދަން ހުށަހެޅުމުންނެވެ.

ކައުންސިލުން ދީފައިވާ މައުލޫމާތުގައިވާ ގޮތުގައި މި މުއްދަތުގައި ކައުންސިލުން ކަނޑާފައިވަނީ އެންމެ އަށް ގަހެވެ. އަދި 114 ގަހެއްގެ އޮފި ވަނީ ކޮށައިފަ އެވެ.

މި މުއްދަތުގައި ކައުންސިލުން ޖުމްލަ 230 ގަހެއް އިންދާފައިވާ ކަމަށް ވެސް ސިޓީ ކައުންސިލްގެ ޖަވާބުގައި ބުނެފައިވެއެވެ.

މާލޭގައި މިހާރު ހުރި މަދު ގަސްތައް ކެނޑުމާއި ކޮށުމުގެ މައްސަލައަކީ އަބަދުވެސް އާންމުންގެ ބޮޑު ޝަކުވާއެކެވެ. މި ޝަކުވާއަށް ހައްލު ގެނައުމަށް ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގަވާނެ ކަމަށް ރައީސް ޑރ, މުހައްމަދު މުއިއްޒު ވަނީ ކޮޕް28 ސަމިޓްގައި ވަނީ ވައުދުވެވަޑައިގެންފަ އެވެ.

މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން އިންދާނެ ގަސްތަކާއި، ގަސްތައް އިންދާނެ ތަންތަން ކަނޑައެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!