ޕީއެންއެފްގެ ސެނެޓަރަކަށް ފުލުހުން އަނިޔާ ދިން ކަމަށް ބުނެ މައްސަލަ އެންއައިސީއަށް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދި ޕީޕަލް ނެޝަނަލް ފޮރެންޓު (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ބޭއްވި ރޭގައި އެ ޕާޓީގެ ސެނެޓަރު އަނީސާ ސައީދަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިފިއެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް އާސިފް (އާސިއްޕެ) ތުހުމަތު ކުރި ގޮތުގައި އެ ޕާޓީ އުފައްދާ ޖަލްސާ ބޭއްވި ރޭގައި އަނިސާގެ މޫނަށް ފުލުހުން އަސޭމިރުސްދުން ޖެހިއެވެ.
''ފިރިހެން ފުލުހުން އަނީސާ މުލައްދަނޑީގަހިފާ ދަމާ ގާފޮޅެއްމައްޗަށް ވައްޓާ އަނިޔާކުރި'' ޕީއެންއެފް އުފައްދާ ޖަލްސާ ގިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުމުން ފުލުހުންނާއި ޕީއެންއެފްގެ މެންބަރުންނަށް ދެމެދު ހިނގައިދިޔަ ހަމަނުޖެހުންތައް އިޝާރާތްކޮށް ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި އާސިފް ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ ފަރުވާއަށް އެދި އަނިސާ އާދޭސް ކުރިކަމަށެވެ. އެކަމަކު ފުލުހުން އޭނާ ފަރުވާއަށް ގެންގޮސްފައިވާ ނުވާ ކަމަށެވެ. ހޮސްޕިޓަލުގައި އައިސީޔޫގައި ހަފްތާއެއްހާ ދުވަހު ބޭއްވުމަށް ފަހު އަނީސާ ދޫކޮށްލާފައިވާއިރު އެ މައްސަލަ މިހާރު އެެންއައިސީއަށް ހުށަހަޅާފައިވާ ކަމަށް އާސިފް ވިދާޅުވިއެވެ.
''އެހީނުވި މައްސަލަ އަނީސާ ހަފުތާއަކަށްވުރެ ގިނަދުވަހު އައިސީޔޫ ކޮންޑިޝަންގައި ހޮސްޕިޓަލުގައި ބޭއްވުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި'' އޭނާ ބުންޏެވެ.
ގިޔާސުއްދީން ސްކޫލު ސަރަހައްދުގައި ފުލުހުން އަމަލުކުރިގޮތާއި ގުޅޭ ގޮތުގެ ރިޕޯޓް އެކުލަވާލައި ރައީސަށް އެ ރިޕޯޓް އަރުވާފައިވާއިރު އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އޮޕަރޭޝަންތަކުގައި ފުލުހުން އަމަލުކުރަން ޖެހޭ ގޮތަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.