ޚަބަރު

ދިގު މުއްދަތަކަށް ހިދުމަތްކޮށް ރިޓަޔާވާ ސިފައިންނަށް ބޯހިޔާވަހިކަން މިލްކުކޮށްދެނީ

އައިކާ ޔުނާން ، ދެން އޮންލައިން

ދިވެހި ސިފައިންގެ ހިދުމަތަށް ގިނަ ދުވަހު ހިދުމަތްކޮށް, ޝަރަފުވެރިކަމާއެކު ރިޓަޔާވާއިރު ބޯހިޔާވަހިކަން މިލްކު ކުރެވޭނެ ގޮތް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވަފާއިވާ ކަމަށް ދިފާއީ ވަޒީރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެމްއެންޑީއެފްގެ 70 ވަނަ އަސާސީ ތަމްރީން ކޯސް ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ, ރައީސްގެ ވިސްނުންފުޅަކީ ދިވެހި ސިފައިންގެ ހިދުމަތަކީ ޒުވާނުންނަށް ކެރިއާ ޕާތެއްގެ ގޮތުގައި ހަމަޖެއްސުން ކަމަށެވެ.

މާނައަކީ ސުކޫލު ނިންމާފައި ނުކުންނަ ޒުވާނުންނަށް ސިފައިންގެއާ ގުޅި އެކި ރޮނގުތަކުން ފުރުސަތުތައް ފަހިކޮށްދީ, މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދިނުން ކަމަށް ވަޒީރު ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ, އަސްކަރީ ދާއިރާއިން ކުރިއަށް ދާން ބޭނުން ނުވާ ޒުވާނުންނަށް އިތުރު ދާއިރާތަކުގެ ސްކޮލަޝިޕްތަކުގެ ފުރުސަތު ވެސް ހަމަޖައްސައިދޭން މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އަސްކަރީ ނޫން ގައުމަށް ފައިދާވާ އެހެން ދާއިރާތަކުން ވެސް މިސާލަކަށް އިންޖިނިއަރަކަށް ވާން ބޭނުންވާ ކުއްޖެއް އިންޖިނިއަރިން ޑިގްރީއަށް، ޑޮކްޓަރަކަށް ވާން ބޭނުންވާ ކުދިން މެޑިސިންގެ ސްކޮލާޝިޕްގެ ފުރުސަތުތައް ހޯދައިދެއްވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ވަނީ ފައްޓަވާފައި," ޣައްސާން ވިދާޅުވިއެވެ.

ރައީސްގެ ވިސްނުންފުޅަކީ ސުކޫލު ނިންމާފައި ސިފައިންގެއާ ގުޅޭ ޒުވާނުން ބޭރުން ލިބޭ ސްކޮލަޝިޕުން ތައުލީމު ހާސިލްކޮށްގެން, ގައުމަށް ހިދުމަތް ކޮށްދީ, ރިޓަޔާމެންޓާ ހަމައަށް ދާ ދުވަހު އަނބިދަރިންނާއި ކާފަމާމަ ދަރިންނާއެކު އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ފަދަ މާހައުލެއް ތަނަވަސް ކޮށްދިނުން ކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި އޮތީ ދިގު މުއްދަތަކަށް ސިފައިންގެ ތެރެއަށް ހިދުމަތް ކުރާ ސިފައިންނަށް ގެދޮރު ވެރިކަން މިލްކުވެރިކަން ހަމަޖައްސައިދެވޭނެ ގޮތް ހަމަޖައްސަން," ޣައްސާން ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ 70 ވަނަ އަސާސީ ތަމްރީން ކޯހުން މިއަދު 98 ދަރިވަރަކު ވަނީ ދަސްވެނިވެފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!