ލީޑާޝިޕް އޮތީ އިސްތިއުފާދޭ ގޮތަކަށް ނޫން، ފުރަތަމަ ބަލިވި ސަބަބު ހޯދަނީ
ރިޔާސީ އިންތިހާބާ، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ލިބުނު ނާކާމިޔާބީއާ އެކުވެސް އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕް އޮތީ އިސްތިއުފާދޭ ގޮތަށް ނޫން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.
މަޖިލީސް އިންތިހާބުން ލިބުނު ނާކާމިޔާބީ އަށް ފަހު ފުރަތަމަ ފަހަރަށް އެމްޑީޕީން ގައުމީ މަޖިލީސް ވަނީ ބައްދަލުވެފައެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ފަހު ޕާޓީގެ ލީޑާޝިޕުން ޕްރެސްއެއް ބޭއްވިއެވެ. އެ ޕްރެސް ގައި ފައްޔާޒު ވިދާޅުވީ ޖެހިޖެހިގެން ދެ އިންތިހާބު (ރިޔާސީ އަދި މަޖިލީސް) އެމްޑީޕީއަށް ގެއްލުނު ސަބަބު ބެލުމަށާއި، އެމްޑީޕީގެ ކުރިމަގާއި މެދު ރައްޔިތުންގެ ދެކޭގޮތް ހޯދައި އެކަންތައްތައް ބައްޓަންކުރާނެ ގޮތްތަކާއި މެދު ދިރާސާކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގެ މައްޗަށް މަގުޗާޓެއް އެކުލަވާލާނެ ކަމަށްވެސް ކުރީގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ފައްޔާޒު ވިދާޅުވިއެވެ.
''ފުރަތަމަ އައިނުން އަޅުގަނޑުމެން ބަލަން ބޭނުން ތި ހުރިހާ ކަމެއް، އެ ދިރާސާއަށް ފަހު އަޅުގަނޑުމެންނަށް ކުރިމަގު ބައްޓަން ކުރަންޖެހޭނެ ގޮތް އެނގެނީ، އަދި އަޅުގަނޑުމެންގެ ކެމްޕޭނުކުރި ގޮތުގެ މައްސަލައެއްތޯ ލީޑާޝިޕްގެ މައްސަަލައެއްތޯ ރާއްޖޭގެ ސިޔާސީ މާހައުލަށް އައިސްފައިވާ ބަދަލުތަކަކީ ކޮބައިތޯ މި ހުރިހާ ކަމެއް ދެނެެގަނެ އަޅުގަނޑުމެން ކުރިއަށް ގެންދާނީ'' އެމްޑީޕީގެ ކެމްޕޭނު އުކުޅުތަކަށް ބަދަލުގެންނަން ޖެހޭ ކަމަށް ގަބޫލުކުރެވޭތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ނުވުމުން ޕާޓީގެ ލީޑާޝިޕް އިސްތިއުފާދޭން ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ. އެކަމާއި ގުޅުވައިވެސް މިރޭ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ. އޭގެ ޖަވާބުގައި ފައްޔާޒު ވިދާޅުވީ އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ލީޑާޝިޕުން ނުގެންގުޅޭ ކަމަށެވެ.
''އަޅުގަނޑުމެންގެ ވިސްނުމުގައެއް އެއްވެސް ގޮތަކަށް ނެތް ޕާޓީގެ އެއްވެސް މަގާމެއްގައި ތިބި އެއްވެސް ބޭފުޅަކު މި ވަގުތު އިސްތިއުފާ ދިނުމަށް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތެއް ނޫން'' އޭނާ ވިދާޅުވިއެވެ. ފައްޔާޒު ދެކިވަޑައިގަންނަވާ ގޮތުގައި މިއީ ލީޑާޝިޕް ބަދަލުކުރަން ޖެހޭ ދަނޑިވަޅެއް ނޫނެވެ. އޭގެ ބަދަލުގައި ބޭނުންވަނީ އެމްޑީޕީ ނަގައި ކޮޅަށް ޖެހުން ކަމަށެވެ. އަދި އެއީ ދިވެހި ގިނަ ރައްޔިތުންވެސް ބޭނުންވާކަން ކަމަށް ގާތްގަނޑަކަށް 50،000 އަށްވުރެ ގިނަ މެންބަރުން ތިބޭ އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވިއެވެ.
''އިސްތިއުފާގެ ވާހަކަ ދައްކާއިރު އަޅުގަނޑަށް ފާހަގަވަނީ އިދިކޮޅު ފަރާތްތަކުންހެން އެކަމަށް ބޮޑަށް ވާހަކަ ދައްކަނީ'' ފައްޔާޒު ވިދާޅުވިއެވެ.
މަޖިލީސް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ.