ޚަބަރު

ކުނި އެޅި ބިދޭސީއެއްގެ ފޮޓޯ ލުމުން ތަފާތުކުރުމުގެ ތުހުމަތާއެކު ފާޑުކިޔުން!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލޭ މަގު މައްޗަށް ކުނިއަޅާ ދިވެހިންގެ ފޮޓޯ އާއްމުނުކޮށް، ބިދޭސީއެއްގެ ފޮޓޯ އާއްމުކުރުމަކީ ތަފާތުކުރުން ގެންގުޅުން ކަމަށް ބުނެ އާއްމުންގެ ފާޑުކިޔުން މާލެ ސިޓީ ކައުންސިލަށް އަމާޒުވެއްޖެއެވެ.

Ads by Sosun Fihaara

ހުސްވި ރޯދަ މަހުން ފެށިގެން މާލޭގައި ކުނީގެ މައްސަލަ ބޮޑުވެ މަގުތަކަށް ކުނިއަޅާ މީހުންގެ ވީޑިއޯ އާއި ފޮޓޯ ސިޓީ ކައުންސިލުން 'އެކްސް' އާއި ފޭސްބުކް ގައި ހިއްސާކުރަން ފެށިއެވެ. ދިވެހިންގެ ފޮޓޯތައް ހިއްސާކުރަމުން އައި ކާކުކަން ނޭގޭ ގޮތަށް މޫނު ''ބްލާ'' ކޮށްގެންނެވެ.

ކައުންސިލުން މީގެ ކުރިން އާއްމުކުރި ޕޯސްޓެއް

އެކަމަކު އިއްޔެ، މަގުމައްޗަށް އާއްމުކޮށް ކުނިއަޅަނިކޮށް އަތުލައިގަތް ބިދޭސީއެއްގެ 'މަގް ޝޮޓް' އެކްސް އާއި ފޭސްބުކް ގައި ހިއްސާކުރިއެވެ. ބަންގަލްދޭޝްގެ އެ މީހާ ޑީޕޯޓްކުރަން ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

''މިއީ ބަލައިނުގަނެވޭނެ ޓުވީޓެއް. އެމީހާ ޑީޕޯޓްކޮށްލާނަމަ ފޮޓޯ ހިއްސާ ކުރަން ޖެހޭތަ؟ ޒެނޯފޯބްސް (ނަސްލީ ތަފާތުކުރުން)  އަށް ދެވޭ ހިތްވަރެއް''ސިޓީ ކައުންސިލުން ހިއްސާކުރި އެ ފޮޓޯ 'އެކްސް' ގައި ރީ-ޓްވީޓް ކޮށް މީހަކު ބުންޏެވެ.

އެ ޓްވީޓަށް ރިޕްލައި ކުރި އިތުރު މީހަކު ބުނީ، އެ ގޮތަށް ފޮޓޯ ޖަހަނީ ބޭރު މީހަކަށް ވީމަ ކަމަށެވެ. ދިވެއްސެއްނަމަ ފޮޓޯ އާއްމުނުކުރާނެ ކަމަށެވެ.

ޖޫޒިން ނަމަކަށް ކިޔާ އެކައުންޓަކުން އެ ޕޯސްޓަށް ކުރި ކޮމެންޓެއްގައި ބުނީ، ޑީޕޯޓްކޮށްލާ މީހެއްގެ ފޮޓޯ ޖެހުމަކީ އެއީ އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

މާލޭ މޭޔަރު އާދަމް އާޒިމްގެ 'އެކްސް' އެކައުންޓުންވެސް ހިއްސާކުރި ބިދޭސީ މީހާގެ 'މަގް ޝޮޓް' އަށް އިތުރު މީހަކު ކުރި ޓްވީޓެއްގައި ވަނީ ކުނިއަޅާ ދިވެހިންގެ ފޮޓޯވެސް އާއްމުކުރަން އެދިފައެވެ.

ފޮޓޯ އާއްމުކުރުން ފާޑުކިޔުން އަމާޒުވި ނަމަވެސް ކައުންސިލުގެ އެ މަސައްކަތަށް ގިނަ ބަޔަކު ވަނީ ތައުރީފްވެސް ކޮށްފައެވެ. ކައުންސިލުން ކުރިއަށް އޮތް ތަނުގައިވެސް އެގޮތަށް އަމަލުކުރާނެ ކަމަށް އުއްމީދުކުރާނެ ކަމަށް ގިނަ ބަޔަކު ދެކެވެ.

Ads by HDC
  1. ދިވެއްސެއް

    ބަންގާޅީން ގިނަ މިގައުމުގައި ގަވައިދާ ހިލާފަށް ދިވެހިންގެ ނަމުގަ ބަންގާޅީން ހިންގާ ޖަރީމާތައްވެސް އެބަހުރި ، ދިވެހިންނަށް ފައިސާ ދީގެން ބޮޑެތި ގޭންގްތައްވެސް ރާއްޖެ އެތެރެވެ ގަވައިދާ ހިލާފަށް ރާއްޖޭގެ އެކި ރަށްރަށާއި ރިސޯޓްތަކުގަ ތާރްޑް ޕާޓީގަ މަސައްކަތް ކުރަމުން އެބަދޭ. އަދި ބަންގާޅީންގެ އުނދަގޫ މަގުމަތީ ހިނގާބިނގާވެ އުޅޭ އަންހެންކުދިންނަށްވެސް އެކިގޮތްގޮތަށް ފޯރާ މިކަހަލަ މައްސަލަތަށް ބެލޭނެ ގޮތެއްނެތް. ފުރަށްސާރަ ކުރުން މީ އާއްމުކަމެއް. އަނބިދަރިން އެކަނި ފިހާރައަށްވެސް ފޮނުވަންވެސް ބިރުބޮޑު މިހާރު މާލޭގަ. ތަޅާތިރި އަރުވާލަންވީ. މިކަން ހައްލުވާން އޮތީ މިގޮތައް.