ޚަބަރު

"ނިމޭ 19" ގެ ނަމުގައި ފުލުހުން ހިންގާ އޮޕަރޭޝަން ހުއްޓާލަން އެމްޑީޕީން ގޮވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

"ނިމޭ 19" ގެ ނަމުގައި ފުލުހުން ހިންގަމުން ގެންދާ އޮޕަރޭޝަން ހުއްޓާލުމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ގޮވާލައިފިއެވެ.

Ads by STELCO

އެމްޑީޕީން ފުލުހުންނަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މިއަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގައި އެ ޕާޓީގެ ވައުދުތައް ހިމެނޭ އޮނިގަނޑަށް ކިޔާފައިވަނީ "އެޖެންޑާ 19" ކަމަށެވެ. އަދި "އެޖެންޑާ 19" އަކީ އެ ޕާޓީގެ ފިކުރީ މުދަލެއް ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އެހެންކަމުން ފުލުހުން ހިންގާ އޮޕަރޭޝަނަކަށް "ނިމޭ 19" ކިޔުމުގެ ސަބަބުން އެ ޕާޓީން ނުހަނު ބުރަ މަސައްކަތުން ރައްޔިތުން މަގުބޫލުކަން ހޯދާފައިވާ "އެޖެންޑާ 19" މިނަމަށް ވަރަށް ނުރަނގަޅު އަސަރުކުރާނެ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި "ނިމޭ 19" އަކީ އެޕާޓީގެ "އެޖެންޑާ 19" އަށް ގޮންޖަހާފަދަ ގޮތަކަށް ބޭނުންކުރެވޭ ނަމަކަށްވެފައި ފުލުހުންގެ އޮޕަރޭޝަނަކަށް އެފަދަ ނަމެއް ކިޔުމުން ފުލުހުންގެ މުއައްސަސާ ވަރަށް ބޮޑަށް ސިޔާވެފައިވާތަން ރައްޔިތުންނަށް ފެނިގެންދާނެ ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

މީގެއިތުރުން 2019 ވަނަ އަހަރު ނިމި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ހިންގާ އޮޕަރޭޝަނަށް "ނިމޭ 19" ކިޔަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން އެމްޑީޕީން ވަނީ "ނިމޭ 19" ގެ ނަމުގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަން ހުއްޓާލުމަށާއި އަދި އެ އޮޕަރޭޝަނުގެ ނަން ބަދަލުކޮށް އެހެން ނަމެއްގައި އަލުން އޮޕަރޭޝަން ހިންގި ނަމަވެސް، އެ ޕާޓީގެ "އެޖެންޑާ 19" ނަމަށާއި އެ އޮނިގަނޑުގެ ދަށުން ހިންގާނެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރާނެތީ ފުލުހުންގެ އެ އޮޕަރޭޝަން ހިންގުން ހުއްޓާލުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

އަދި ފުލުހުންގެ މުއައްސަސާގެ މަސައްކަތުގައި ސިޔާސީ ކުލަ ނުޖެހޭ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށްވެސް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!