ޕީއެންސީގެ ޕީޖީ ލީޑަރަކަށް ފަލާހު، ސީނިއާ ޑެޕިއުޓީ ޕީޖީ އަކަށް ޝުޖާއު
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދި ޕީއެންސީ/ޕީޕީއެމްގެ ޕީޖީ ލީޑަރު ކަމަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ފަލާހު އަދި ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހަމަޖެއްސެވުމަށް ނިންމައިފި އެވެ.
މި ނިންމުން ނިންމާފައިވަނީ ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅުންނާއެކު ރައީސް ޑރ މުހައްމަދު މުއިއްޒު، މިއަދު މުލިއާގޭގައި ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން، މަޖިލީސްގެ ބައެއް މަގާމްތަކަށް ކަނޑައެޅުއްވުމަށް ބޭނުންފުޅުވާ ނަންތައް ރައީސް ޑރ މުހައްމަދު މުއިއްޒު ހުށަހެޅުއްވި ކަމަށެވެ.
އެ ނަން ތަކަކީ:
މަޖިލީސް ރައީސް: ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ
މަޖިލީހުގެ ނައިބް ރައީސް: ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ނަޒީމް
ޕީޖީ ލީޑަރު: އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ފަލާހު
ސީނިއާ ޑެޕިއުޓީ ލީޑަރު: ބާރަށު ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ޝުޖާއު
ޑެޕިއުޓީ ޕީޖީ ލީޑަރުން:
- ވިލިމާލެ އިންތިހާބީ މެންބަރު މުހައްމަދު އިސްމާއިލް
- މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް)
- ހުޅުދޫ ދާއިރާގެ އިންތިހަބީ މެންބަރު މުހައްމަދު ޝާހިދު (ޝާޑު)
ޕީއެންސީން ބުނީ، އެ ހުރިހާ ނަންތައް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ހުރިހާ މެންބަރުންގެ ނަންތައް އިއްތިފާގުން ފާސްވެފައިވާ ކަމަށެވެ.
ޕީއެންސީގެ 66 ކެންޑިޑޭޓާއި، ސަރުކާރުގެ ތާއީދު އޮވެގެން އަމިއްލަ ގޮތުން ވާދަކުރި ހަ ކެންޑިޑޭޓެއް އިންތިހާބު ކާމިޔާބު ކުރި އެވެ. އަދި ސަރުކާރުގެ ތާއީދު އޮވެގެން ނުކުތް އެމްޑީއޭ، އެމްއެންޕީ، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުން އިންތިހާބު ކުރި އެވެ. އެއާ އެކީ ސަރުކާރަށް 75 ގޮނޑި ލިބުނެވެ.
ދެން ވެލިދޫ ދާއިރާއަށް އިންތިހާބުވި އެމްޑީއޭގެ މުހައްމަދު އައްބާސް ސަރުކާރާ އެކު މަސައްކަތް ކުރައްވާނެ އެވެ. އޭގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވައިގެން ގޮނޑި ހޯއްދެވި ދެ މެންބަރަކު ޕީއެންސީއަށް ސޮއިކުރެއްވުމުން ސަރުކާރުން ބޭނުންވާނެ ގޮތަށް ވޯޓު ދެއްވާނެ މެންބަރުންގެ އަދަދު 78 އަށް އަރަ އެވެ.