އަބްދުއްރަހީމް ދެއްވީ ސަރުކާރާ މަޖިލީސް ނުޖެހޭނެކަމުގެ ޔަގީންކަން
ރައްޔިތުންގެ މަޖިލީހާ ސަރުކާރާ ޖެހޭކަށް ޖާގައެއް ނުދެއްވާނެ ކަމަަށާއި މަސައްކަތްކުރާނީ ސަރުކާރާ އެކީގައި ގުޅިގެން ކަަމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ 20 ވަނަ މަޖިލިސް ވާނީ ރައްޔިތުންގެ އިހްތިރާމާއި ލޯބި ލިބިގެންވާ މަޖިލީހަކަށް ކަމަށެވެ. ރައްޔިތުންގެ މެދުގައި މަޖިލީހާ މެދު ގެއްލިފައިވާ އިތުބާރު ހޯދައި ދޭނީ އަންނަ އަންގާރަ ދުވަހު ހުވާކުރާ މަޖިލީހުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ދެއްވި ޔަގީންކަމަކީ މަޖިލީހުގެ މަސައްކަތްތައް ބައްޓަން ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދޭތެރޭ އެއްވެސް މައްސަލައެއް ދިމާ ނުވާނެ ކަމަށާއި މަޖިލީހާއި ސަރުކާރާ ޖެހޭކަށް ވެސް ޖާގައެއް ނުދޭނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަޅުގަނޑާ ރައީސް މުއިއްޒާ ދޭތެރޭ އިރާދަކުރެއްވިއްޔާ އެއްވެސް މައްސަލައެއް ދިމާ ނުވާނެ. މަޖިލީހާ ސަރުކާރާ ޖެހޭކަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން
"ރައްޔިތުންނަށް ފައިދާވާ ގޮތަށް އެ މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ގެންދާނީ. ހާއްސަކޮށް ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެމްބަރުންނާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވާނީ" 20 ވަނަ މަޖިލީހުގެ ރައީސް ކަމަށް ގެންނަން މެޖޯރިޓީ ހޯދާފައިވާ ޕީއެންސީން ނިންމާފައިވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
މީގެ ކުރިން ފޮނަދޫ ދާއިރާގެ މެންބަރުންވެސް ކުރައްވާފައިވާ އަބްދުއްރަހީމް ވިދާޅުވީ އަމާޒަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯ ތަންފީޒުކުރުމަށްޓަކައި ވީ އެންމެ އަވަސް ފުރުސަތެއްގެ މަސައްކަތްތައް ފަށައިގަތުން ކަމަށެވެ. ވިދާޅުވީ އަމިއްލާ ފައިދާއަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމެވެ.