ދުނިޔެ

ރަފާއަށް ހަމަލާދިނުން ހުއްޓާލަން ދުނިޔޭގެ ކޯޓުން އަމުރުކޮށްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން

އިސްރާއިލުން ޣައްޒާގެ ރަފާ ސިޓީއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު އަމުރުކޮށްފިއެވެ.

Ads by WAMCO

އައިސީޖޭއިން އެ އަމުރު ނެރެފައިވަނީ، ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައާއި ގުޅިގެންނެވެ. ދެކުނު އެފްރިކާއިން ވަނީ ރަފާގައި އިސްރާއިލުން ހިންގަމުންދަނީ ގަތުލްއާންމެއް ކަމަށާއި، ފަލަސްތީނުގެ ރައްޔިތުން ތިބީ ނުރައްކަލެއްގެ ތެރޭގައި ކަމަށް ބުނެފައެވެ. އަދި ރަފާގެ ރައްޔިތުންނަށް ދިރިތިބެވޭނީ އިސްރާއިލުން އެތަނަށް ދެމުންދާ ހަމަލާތައް ހުއްޓުވައިގެން ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލަ އައިސީޖީއިން ބެލީ 15 ފަނޑިޔާރުންގެ ޓީމަކުންނެވެ. ބޭރުގެ ހަބަރުތައް ބުނާގޮތުން، އޭގެތެރެއިން 13 ފަނޑިޔާރުން ވަނީ އިސްރާއިލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އަމުރު ނެރުމަށް އިއުތިރާފް ވެފައެވެ.

އެކޯޓުގެ އިސް ފަނޑިޔާރު ނަވާފް ސަލާމް ވިދާޅުވީ، މިދިޔަ މާރޗް މަހު އެ ކޯޓުން ނެރެފައިވާ އަމުރުގައި ފަލަސްތީނުގެ ހާލަތަށް މުޅިން ބަލާފައިނުވާ ކަމަށެވެ. އަދި މިހާރު ފަލަސްތީނުގެ ހާލަތު އޮތްގޮތުން ހާއްސަ އަމުރަކަށް ޝަރުތުހަމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިސްރާއިލުން ރަފާއަށް ދެމުންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަންޖެހޭ. އަދި އެއްވެސް ގޮތަކުން ފަލަސްތީނާއި ޢައްޒާގެ ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާ ކަމެއް އިސްރާއިލުން ހިންގާނަމަ، އެކަން ވެސް ހުއްޓާލަންޖެހޭ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ޣައްޒާގެ ހާލަތު ބެލުމަށް ތިބޭ އިދާރާތަކަށް ޣައްޒާ ވަދެވޭނެ ފުރުސަތު އިސްރާއީލުން ފަހިކކޮށްދޭން ޖެހޭނެ ކަމަށް ވެސް ނަވާފް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!