ދަބަހެއް ފޭރުނު މީހަކު ފުލުހުންނަށް ފިލަންވެގެން ފުންމާލީ މޫދަށް

މީހެއްގެ އަތުން ފޭރުމަށް ފަހު ފުލުހުންނަށް ފިލަންވެގެން މޫދަށް ފުންމާލީ މީހަކު ހައްޔަރުކޮށްފި އެވެ.
މިކަމެއް މިއަދު ހިނގާފައިވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެއީ 37 އަހަރުގެ ދިވެއްސެކެވެ.
ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައިވާ ގޮތުން ދަބަހެއް ފޭރިގަނެގެން ދިޔަ މީހަކު މަސް މާރުކޭޓާއި ދިމާލުން ފަޅުތެރެއަށް ފުންމާލިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން އެތަނަށް ދިޔައިރު، އެތަނުން ބައްދަލުކުރި މީހަކު އޭނާ ރަށުން ލޯންޗުގައި އައިސް އެމްއެމްއޭ ކައިރިއަށް އެއްޗެހި ބޭލިއިރު އެތަނުގައި ދަބަހެއް އިން ކަމަށް ބުނެފައިވާ ކަމަށެވެ.
ދަބަސްތައް ކާރަށް އަރުވަން އުޅުނުއިރު 1 ދަބަސް މަދުކަން ފާހަގަކުރެވިގެން ދަބަސް ހޯދަމުން ދަނިކޮށް ބޮޑުތަކުރުފާނުމަގު ވަދުފޮށި ކައިރިއަށް ދިޔައިރު ސައިކަލްތަކާއި ދިމާލަށް ހުސް ދަބަސް އެއްލާލާފައިވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
ކޯޓު އަމުރުގައި ބުނީ ދަބަހުގައި ހުރި އަންނައުނުތައް، ތުހުމަތު ކުރެވޭ މީހާ އަތުގައި އަޅުވައިގެން ވިއްކަން ހުރި މަންޒަރު ފެނިގެން އޭނާގެ އަތުން އެއްޗެހިތައް އަތުލަން އުޅުމުން އޭނާ ދުވެފައި ގޮސް މޫދަށް ފުންމާލި ކަމަށެވެ.
މޫދަށް ފުންމާލި މީހާ ނަގާފައިވަނީ ފުލުހުން ކަމަށް ކޯޓު އަމުރުގައިވެ އެވެ. ދަބަހާއި ގުޅިގެން ސުވާލުކުރުމުން ތުހުމަތު ކުރެވޭ މީހާ އެ ދަބަސް ނެގީ އެމްއެމްއޭ ކުރިމައްޗަށް އެއްލާލާފައި އޮތުމުން ކަމަށް ބުނެފައިވާ ކޯޓު އަމުރުގައި ބުންޏެވެ.
އެ މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ. އޭނާ އަކީ މީގެ ކުރިން 29 ފަހަރު މަތިން އެކި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހެއް ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.