ޚަބަރު

32 ރަށެއްގެ ކައުންސިލަށް އެސްޖީން ހޯދަން އިއުލާންކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ތޮއްޑޫ މަތިން ނަގާފައި: ތޮއްޑޫ ހިމެނޭހެން 32 ރަށަކަށް އެސްޖީން ހޯދަނީ - ފޮޓޯ: އިންޑަލްޖް މޯލްޑިވްސް

32 ރަށެއްގެ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލުން (އޭސްޖީން) ހޯދަން އިއުލާންކޮށްފި އެވެ.

Ads by Sosun Fihaara

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލަށް ދޭ މުސާރަ ކަނޑައަޅާފައި ވަނީ ތައުލީމީ ފެންވަރާއި ތަޖުރިބާގެ މުއްދަތަށް ބަލާފައި ދެ ކެޓަގަރީއަކަށެވެ. ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ކުރި އިއުލާނުގައި ވެސް އެ ވަޒީފާތަކަށް ހުޅުވާލީ އެ ގޮތަށެވެ.

ދަށް މުސާރައިގެ ކެޓަގަރީއަށް ފެތޭ ދެ މިންގަނޑެއް ހިމެނެ އެވެ. އެއިން މިންގަނޑަކަށް ފެތޭ މީހަކަށް ވަޒީފާ ދޭނަމަ އަސާސީ މުސާރައަކީ 8،835 ރ. އެވެ. އެގްޒެކެޓިވް އެލެވަންސްގެ ގޮތުގައި 6،450 ރ. ކަނޑައަޅާފައިވެއެވެ.

އެއް މިންގަނޑަކީ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ގަވަނަންސް، އާބަން ސްޓަޑީސް، ސޯޝަލް ސައިންސް ނުވަތަ ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން މަދުވެގެން ޑިޕްލޮމާއެއް ހުރުން އަދި ފަސް އަހަރު ދުވަހު ކަމާ ގުޅުން ހުރި މަސައްކަތެއްގެ ތަޖުރިބާ ހުރުމެވެ.

އަނެއް މިންގަނޑަކީ ކޮންމެ ވެސް ދާއިރާއަކުން ޑިޕްލޮމާއެއް ދަށްވެގެން ހާސިލްކޮށްފައި އަދި މަސައްކަތުގެ މަދުވެގެން ހަ އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ.

މަތީ މުސާރައިގެ ކެޓަގަރީއަށް ފެތޭ ތިން މިންގަނޑެއް ހިމަނާފައިވެ އެވެ. އެއިން މިންގަނޑަކަށް ފެތޭ މީހަކު ވަޒީފާ ދޭނަމަ އަސާސީ މުސާރައަކީ 9،300 ރ. އެވެ. އެގްޒެކެޓިވް އެލެވަންސަކީ 6،800 ރ. އެވެ.

ފުރަތަމަ މިންގަނޑަކީ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ގަވަނަންސް، އާބަން ސްޓަޑީސް، ސޯޝަލް ސައިންސް ނުވަތަ ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ޑިގްރީއެއް އޮވެފައި މަސައްކަތުގެ ތިން އަހަރުގެ ތަޖުރިބާ އެވެ.

ދެވަނަ މިންގަނޑަކީ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ގަވަނަންސް، އާބަން ސްޓަޑީސް، ސޯޝަލް ސައިންސް ނުވަތަ ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން މާސްޓާސް އޮވެފައި މަސައްކަތުގެ އަހަރު ދުވަހުގެ ތަޖުރިބާ އެވެ.

ތިންވަނަ މިންގަނޑަކީ ކޮންމެ ވެސް ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި މަސައްކަތުގެ ހަތަރު އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޖޫން 6 ގެ މެންދުރު 2:00 ގެ ކުރިން ސިވިލް ސާވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުގެ އިއުލާނުގައިވެ އެވެ.

އެސްޖީން ހޯދާ ރަށްތަކަކީ؛

  • ހއ. ވަށަފަރު، ހއ. މުރައިދޫ
  • ށ. ފޭދޫ، ށ. މަރޮށި، ށ. ފީވަށް
  • ރ. ވާދޫ، ރ. މަޑުއްވަރީ، ރ. ރަސްމާދޫ، ރ. އިންނަމާދޫ
  • ބ. ކިހާދޫ، ބ. ފުޅަދޫ، ބ. ފެހެންދޫ، ބ. ހިތާދޫ
  • ކ. ތުލުސްދޫ، އއ. ތޮއްޑޫ، އއ. މާޅޮސް
  • އދ. ދިއްދޫ، އދ. ހަންޏާމީދޫ
  • ވ. ފުލިދޫ، ވ. ތިނަދޫ، ވ. ރަކީދޫ، ވ. ފެލިދޫ
  • މ. މަޑުއްވަރީ، ފ. ދަރަނބޫދޫ
  • ދ. ރިނބިދޫ، ދ. ކުޑަހުވަދޫ، ދ. މާއެނބޫދޫ
  • ތ. ގާދިއްފުށި، ތ. ތިމަރަފުށި، ލ. ދަނބިދޫ
  • ގއ. ދެއްވަދޫ، ގދ. ވާދޫ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!