އިޒްރޭލު ޕާސްޕޯޓް މަނާކުރަން ސަރުކާރުން ނިންމުމުން މައުމޫންގެ މަރުހަބާ
ރާއްޖެއަށް އިޒްރޭލު ޕާސްޕޯޓްގައި އެތެރެވުން މަނާކުރަން ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމި ނިންމުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސަރުކާރަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ފަލަސްތީނާ މެދު ކަންތައް ކުރަމުންދާ ލާއިންސާނީ އަމަލުތަކާއި މެދު ކަންބޮޑުވުން ފާޅުކޮށް، އެކަމާ ގުޅިގެން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ނިންމިކަން ސަރުކާރުން ހާމަކުރީ އިއްޔެ ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
"އިޒްރޭލުން ހިންގަމުންދާ ގަތުލުއަމާ ދެކޮޅަށް އިޒްރޭލު ޕާސްޕޯޓު ރާއްޖެ އެތެރެވުން ހުއްޓުވަން ސަރުކާރުން ނިންމި ނިންމުމަށް އެހެން ހުރިހާ ދިވެހިންނާ އެކު މަރުހަބާ ކިޔަން" ދިގު ތިރީސް އަހަރުގެ ވެރިކަމެއް ކުރެއްވި މައުމޫން މިރޭ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގަައި ވިދާޅުވި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާމާ ގުޅިގެން ސަރުކާރުން މިހާރު ވަނީ ވަޒީރުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީއެއް އެކުލަވާލާފަ އެވެ. އިޒްރޭލު ފާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން އިދިކޮޅުން މިހާރު މަޖިލީހަށް ހުށަހަޅާއިވާއިރު އެ ބިލަށް ސަރުކާރުން ތާއިދުކުރާނެތޯ ސުވާލުކުރުމުން ސަރުކާރުން ވަނީ އެއަށް އެއްޗެއް ވިދާޅުވާނީ އިތުރަށް ދިރާސާކުރުމަށް ފަހު ކަމަށް ބުނެފަ އެވެ.