ޚަބަރު ރައްޔިތުންގެ މަޖިލިސް

ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލުކުރަން ލާޒިމްކުރާ ބިލު ބޭރުކޮށްލައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު

ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ދޫކުރާނެކަމަށް ބުނެ ލިޔުން ދިން ގޯތިތައް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ލާޒިމްކުރާ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

Ads by MWSC

ރައީސް ޞާލިހުގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް އަވަސް އަރުވާލައިގެން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރީ ނުހިއްކާ އޮތް ފަޅުންނާއި، ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދާ ސަރަހައްދުތަކުންނެވެ. އޭގެ ތެރެއިން ބައެއް ސަރަހައްދުތައް އަދިވެސް ހިއްކާ ނުނިމެ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމް ވަނީ 19 ވަނަ މަޖިލިސް ނިމުމުގެ ކުރިން، ބިންތައް ރައްޔިތުންނާއި ހަވާލުކުރަން ދޭ މުއްދަތަކީ 3 މަސްދުވަސް ކަމަށް ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ގެންނަން ބިލެއް ހުށަހަޅުއްވައިފަ އެވެ. މިމައްސަލައިގެ ބަހުސް ކުރިއަށް ގެންގޮސް މިއަދު ވަނީ އެބިލު ކޮމިޓީއަށް ފޮނުވަން ފެނޭތޯ ވޯޓަށް އަހައިފަ އެވެ.

އެގޮތަށް ނުފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުންގެ ތެރެއިން 75 މެންބަރުން ވޯޓު ދެއްވި އެވެ. ކޮމިޓީއަށް ފޮނުވަން 12 މެންބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު ހުންނެވި އެވެ.

ބިލު ކޮމިޓީއަށް ފޮނުވަން ފާސްނުވުމުން ބަދަލެެއް ނުގެނެސް ބިލު ފާސްކުރަން ނެގި ވޯޓުގައި ނުފެންނަ ކަމަށް 76 މެންބަރުން ވޯޓު ދެއްވި އެވެ. ބިލު ފާސްކުރަން 12 މެންބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު ހުންނެވި އެވެ.

ތިން މަސްދުވަހުގެ ތެރޭގައި ގޯތިހަވާލުކުރަން ލާޒިމްވާ ގޮތަށް ބިމާ ބެހޭ ގާނޫނަށް ބަދަލުގެންނަން، މީކާއީލް ހުށަހެޅުއްވި ބިލް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގުކުރުމަށް ޓަކައި ރައީސް ޑރ.މުހައްމަދު މުއިއްޒަށް ފޮނުވި އެވެ. އެހެންނަމަވެސް ފަހުން ރައީސް މުއިއްޒު ވަނީ އެ ބިލު ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވައިފަ އެވެ. އޭރު 19 ވަނަ މަޖިލީހުގެ ދައުރު ވަނީ ނިމިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!