ގުރައިދޫގައި 17 އަހަރުގެ ކުއްޖަކު ހިފެހެއްޓީ ފުލުހުންނަށް އިންޒާރު ދިނުމުން

ކ. ގުރައިދޫގައި މިއަދު 17 އަހަރުގެ ފިރިހެން ކުއްޖަކު ސައިކަލެއްގައި ދަނިކޮށް ހިފެހެއްޓީ ފުލުހުންނަށް އެ ކުއްޖާ އިންޒާރު ދިނުމުން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ގުރައިދޫގައި ފުލުހުންތަކެއް ފިރިހެން ޒުވާން ކުއްޖަކު ހިފަހައްޓައިގެން ގެންދަން މަސައްކަތް ކުރާ ވީޑިއޯއެއް ސޯޝަލް މީީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ކުއްޖާ ހިފަހައްޓަން އުޅުމުގެ ތެރޭގައި ކޮންމެ ވެސް ވަރެއްގެ ކުރިމަތިލުންތަކެއް ފުލުހުންނާއި އެ ކުއްޖާއާ ދެމެދު ހިނގަ އެވެ. އެ ކުއްޖާ ފާރުގައި ލަތްކޮށްލާ ތަން ވެސް ވީޑިއޯއިން ފެނެ އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާންގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުލުހުން އެ ކުއްޖާ ހުއްޓުވައި މައުލޫމާތު ސާފުކުރަން އުޅުމުން ފުލުހުންނަށް އިންޒާރުދީފައިވާ ކަމަށެވެ.
"އެހެންކަމުން އެ ކުއްޖާ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބެލެނިވެރިންގެ ހާޒިރުގައި ކުއްޖާއަށް ނަސޭހަތްދީ އެ ކުއްޖާ ވަނީ ބެލެނިވެރިންނާ ހަވާލުކޮށްފައި،" އޭނާ ލިޔުއްވާފައިވެ އެވެ.
އެ ކުއްޖާ ހިފެހެއްޓުމުގައި ފުލުހުން އަމަލުކުރި ގޮތާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް އެ ޕޯސްޓުގައި ލިޔުއްވާފައެއް ނެތެވެ.