ޚަބަރު

އުޝާމް, ޝަހީމް އަދި ހައިދަރަށް ރުހުން ދޭން މަޖިލިސް ކޮމިޓީން ފާސްކޮށްފި

އައިކާ ޔުނާން ، ދެން އޮންލައިން
19 ވަނަ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮވެގެން ރުހުން ދޭން ދެކޮޅު ހެދި ތިން ވަޒީރުންނަށް ރުހުން އޮތް ކަމަށް ސަރުކާރުގެ ސުޕަ މެޖޯރިޓީއާ އެކީ ފެށި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

Ads by STELCO

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން، މިދިޔަ މަޖިލީހުން ރުހުން ނުދޭން ނިންމި ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ އިތުރުން ހައުސިންގް މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ރުހުން ނުދިން ނަމަވެސް ރައީސް ވަނީ ތިން ބޭފުޅުން އަލުން މަގާމަށް އަލުން އައްޔަން ކުރައްވައިފައެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތީން ހަތް ދުވަސް ތެރޭގައި އެ ބޭފުޅުންނަށް ރުހުން ހޯދަން އަލުން މަޖިލީހަށް ފޮނުވިއެވެ. ނަމަވެސް, އެމްޑީޕީގެ މެޖޯރިޓީން ތިން ވަޒީރުންނަށް ރުހުން ނުދީ ދިގު ދަންމައިލި އެވެ.

އާ ދައުރުގައި މި ހަފްތާގައި އެ މައްސަލަ އެޖެންޑާކޮށް ކޮމިޓީއަށް ފޮނުވިއިރު ކޮމިޓީގެ އަގްލަބިއްޔަތުން ފާސްކޮށްފައިވަނީ ތިން ވަޒީރުންނަށް ވެސް ރުހުން އޮތް ކަމަށެވެ. ދެކޮޅަށް ވޯޓު ދެއްވީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު އެންމެ މެންބަރެކެވެ.

ކޮމިޓީން އެގޮތަށް ފާސްކުރީ ބެލި ބެލުމުގެ ވަޒީރުންގެ ޝަރުތު ހަމަވާ ކަމަށާއި އެއްވެސް މައްސަލައެއް ނެތް ކަމަށް ބެލުމަށް ފަހު ކަމަށް ކޮމިޓީގެ މުގައްރިރު އަދި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.

ކޮމިޓީން ފާސްކުރުމާއެކު މައްސަލަ ތަޅުމަށް ފޮނުވައި އަންނަ ހަފްތާގައި ތިން ވަޒީރުންނަށް ރުހުން ދޭނެ ކަމަށް ބެލެވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!