ތިން ބައި އިލެކްޝަނެއްގެ ވޯޓުލާ ތާރީހު އަވަސްވެއްޖެ

ތިން ބައި އިލެކްޝަނެއްގެ ވޯޓުލާ ގަޑިއާއި ތާރީހު ބަދަލުވިކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.
ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ. ގަމު ކައުންސިލްގެ މެންބަރު އަދި މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހުގެ ބަދަލުގައި ހުކުރު ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އެ އިއުލާނުގައި ވެ އެވެ.
މިގޮތަށް އިލެކްޝަނުން ނިންމީ އަންނަ ހޮނިހިރު ދުވަހަކީ 1445 ވަނަ އަހަރުގެ އަރަފާތު ދުވަސް ކަމަށް ސަރުކާރުން ކަނޑައެޅުމާ ގުޅިގެން ނެވެ.
އެގޮތުން އެ ބައި އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށްދާނީ އަންނަ ހުކުރު ދުވަހުގެ 14:00 އިން 20:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހު އެވެ.
އިލެކްޝަނުން މި އިންތިހާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރާނީ މި މަހުގެ 23 ގަ އެވެ.