ޚަބަރު

ފަގީރަކަށް ނުވިޔަސް ބައެއްގެ އެހީގައި ކުރާ ހައްޖު ސައްހަވާނެ: ޝަހީމް

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އިސްލާމީ ކަންކަމާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ފަގީރަކަށް ނުވިޔަސް އަމިއްލަ ފަރާތެއްގެ އެހީގައި ވިޔަސް، ސަރުކާރުގެ އެހީގައި ކަމަށް ވިޔަސް ހައްޖު ވުމުން ސައްހަ ވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ފޭސްބުކްގައި ޝަހީމް ކުރެއްވި ޝަހީމް ވިދާޅުވީ، ސަރުކާރުގެ ހަރަދުގައި ކުރާ ހައްޖު ކަމުނުދާނެ ކަމަށާއި، ކަމުދާނީ އަމިއްލަ ފަރާތަކުން ދޭ ހައްޖު ކަމަށް ބުނެ މީހުން ދައްކަމުންދާ ވާހަކައިގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ޝަހީމް ވިދާޅުވީ، ސަރުކާރަކީ ރައްޔިތުންގެ ބެލެނިވެރި ފަރާތް ކަމަށާއި، ދައުލަތުގައި ހުންނާނީ ރައްޔިތުންގެ ފައިސާ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގު އޮތީ ބައިތުލްމާލު ގައި ކަމަށާއި، އަމިއްލަ މީހާގެ މުދަލުގައި ނޫން ކަމަށެވެ.

"އެކަމަކު ބައިތުލްމާލުގައި ރައްޔިތުންގެ ހައްގު އޮތީ. އަމިއްލަ މީހާގެ މުދަލަކު ނޫން. އެހެންވީމަ އެ ދައްކަނީ އެއްވެސް އިލްމީ ހުއްޖަތެއް ހުރި ވާހަކައެއް ނޫން،" ޝަހީމް ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، ފަގީރަކަށް ވިޔަސް ނުވަތަ ފަގީރަކަށް ނުވިޔަސް ސަރުކާރުން ނުވަތަ އެހެން މީހެއްގެ އެހީގައި ވިޔަސް ކުރާ ހައްޖަކީ 100 އިންސައްތަ ސައްހަ ހައްޖެއް ކަމަށެވެ.

"ފަގީރަކަށް ވިޔަސް އަދި ފަގީރަކަށް ނުވިޔަސް، ސަރުކާރުން ނުވަތަ އެހެން މީހެއްގެ އެހީގައި ކުރާ ހައްޖަކީ 100 އިންސައްތަ ރަނގަޅު ހައްޖެއް،" ޝަހީމް ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސަރުކާރުން އަހަރަކު 40 މީހުން ހައްޖަށް ފޮނުވިއެވެ. އަދި ސައުދީ ސަރުކާރުގެ ހަރަދުގައި ވެސް މީހުން ހައްޖަށްދާކަން ޝަހީމް ފާހަގަ ކުރެއްވިއެވެ.  އެގޮތުން ސައުދީ ސަރުކާރުގެ އެހީގައި މި އަހަރު ރާއްޖެއިން ބައެއް މީހުންނާއި، ފަލަސްތީނުގެ 1،000 މީހުން ވެސް ހައްޖަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

އެކަން ފާހަގަ ކުރައްވާ ޝަހީމް، ވިދާޅުވީ ސަރުކާރުގެ ހަރަދުގައި ކުރާ ހައްޖު ސައްހަވާނެ ކަމަށް ސައުދީ އަރަބިއްޔާގެ ދަންނަބޭކަލުންގެ މަޖިލީހުން ފަތުވާދީފައި އޮންނާނެ ކަމަށެވެ. އަދި އިސްލާމީ ދުނިޔޭގެ އެންމެ ބޮޑެތި އިލްމުވެރިންގެ ފަތުވާ ވެސް އެކަމުގައި އޮންނަކަން ފާހަގަކުރެއްވިއެވެ. އަދި ރައީސް މުއިއްޒު ނިކަމެތިން ހައްޖަށް ފޮނުވަން ނިންމެވުމުން، އެއީ ރަނގަޅު ނިންމެވުމެއްކަން ޝަހީމް ފާހަގަކުރެއްވިއެވެ.

ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރުގެ އެހީގައި 50 މީހުން ހައްޖަށް ފޮނުވާ މައްސަލައިގައި ދީނީ އިލްމުވެރިންގެ ހިޔާލު ތަފާތުވެ، ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވުމާއި ގުޅިގެންނެވެ.

ޝަހީމް ވިދާޅުވީ، މިކަން ސިޔާސީ ބޮޑު ފިތުނައަކަށް ހަދާ، ހައްޖަށް ދިޔަ މީހުންގެ ހައްޖާ މެދު ސުވާލު އުފެއްދުމަކީ ވަރަށް ބޭއިންސާފުވެރި ކަމެއް ކަމަށެވެ.

Ads by HDC
  1. ހުސޭނު2023

    ޝަހީމޫ އެހެންވީމަ ޝަހީމްގެ ސަރުކާރަށް ވޯޓް ހޯދާދޭމަތިން ފަޤީރެއްގެ ދަރަޖަބޭނުންމީހަކަށްދީ އަދި ޝަހީމް ރުހޭ ކޮންމެމީހަކަށް ބައިތުލްމާލުގައި ހުންނަލާރި ޚަރަދުކުރުމަކީ އޮކޭދޯ