ޚަބަރު

ވިނަރެސްގެ އެކްސެސް ޓެގް ދޫކުރަން ފަށައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތައް/ ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ޓަވަރުތަކުގެ އެކްސެސް ޓެގް ދޫކުރަން ފަށައިފި އެވެ.

Ads by STELCO

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ޓެގް ދޫކުރާނީ މިއަދާއި މާދަމާގެ ހެނދުނު 10:00 އިން ހަވީރު 6:00 އާ ދެމެދު، ވިނަރެސް 10 ގެ މެނޭޖްމަންޓް އޮފީހުން ކަމަށެވެ.

ކީ ޓެގް ދޫކުރާނީ ހަމައެކަނި އެޕާޓްމަންޓްގެ ވެރިފަރާތަށް ނުވަތަ ކޯއެޕްލިކަންޓް އަށެވެ. ޓެގާއި ހަވާލުވާން ދުރުވާއިރު ވެރިފަރާތުގެ އައިޑީކާޑު ކޮޕީ، އަދި ކޯ އެޕްލިކެންޓް ދުރުވާނަމަ ދެބޭފުޅުންގެ އައިޑީކާޑުގެ ކޮޕީ ބޭނުންވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ވިނަރެސް ޓަވަރުތަކުގެ އެކްސެސް ކޮންޓްރޯލު ނުކޮށް މިހާރު ހުރުމުން ބޭނުން މީހަކަށް އެތަނަށް ވަދެވެ އެވެ. އެހެންވެ، ވިނަރެސް ފްލެޓުތަކުގައި ނޫޅޭ ފަރާތްތައް ވެސް އެތަނަށް ވަންނާތީ އެކަމުގެ ޝަކުވާ މި ކޯޕަރޭޝަނަށް ލިބެމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ.

މިއަދު ދޫކުރާ ޓެގްތަކުން އެކްސެސް ކޮންޓްރޯލު ކުރަން ފަށާނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެންނެވެ. އެއާއެކު ވިނަރެސް ޓަވަރުތަކަށް ދެން ވަދެވޭނީ ހަމައެކަނި ކީ ޓެގް އޮންނަ ފަރާތްތަކަށް އެކަންޏެވެ.

ވިނަރެސް ފްލެޓު ގަތް އެތައް ބަޔަކު މިހާރު އެތަންތަނުގައި ދިރިއުޅެން ފަށާފައިވާއިރު، މިއަދު ދޫކުރަންފެށި އެކްސެސް ޓެގް ދޫކޮށްފައިވާ ފަރާތްތަކަށް އެކަނި ވަދެވޭ ގޮތަށް ބަދަލުކުރުމުން އެ ފްލެޓުތަކުގެ ސެކިއުރިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.

ވިނަރެސްއަކީ ހުޅުމާލޭގައި އެޗްޑީސީން ހިންގި ހައުސިން މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 10 ޓަވަރު ގާއިމްކޮށްފައިވެ އެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭ މި ޓަވަރުތަކުން ގިނަ ބަޔަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިވެ އެވެ. އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށް ދިނުމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!