ރައީސް މުއިއްޒު، ހައްޖު ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސް ޑރ މުހައްމަދު މުއިއްޒު، ހައްޖު ދުވަހުގެ ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ފޮނުއްވައިފި އެވެ.
ރައީސްގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ރޭ ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ ހައްޖު ދުވަހަކީ އަހަރުގެ އެންމެ ބަރަކާތްތެރި އެއް ދުވަސް ކަމުގައި ފާހަގަކުރައްވާފައި އެވެ. އަދި ﷲގެ ރުއްސެވުމާ، ފުއްސެވުމާ، މަދަދުން ފުރިގެންވާ މި ދުވަހުގެ ބާއްޖަވެރިކަން ދިވެހި ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތަށް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ރައީސް ވަނީ ދުއާ ކުރައްވާފައި އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން 1150 މީހުން މައްކާއަށް ގޮސްފައިވާއިރު، އޭގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި ފޮނުވާ 50 ފަގީރުންވެސް ހިމެނެ އެވެ.
މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ސަރުކާރުން ފޮނުއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ.