ޚަބަރު

ކުށް ގިނަ ވުމުން ޝިފާން ދިން ރައްދަކީ ޒިންމާދާރުކަން ކުޑަ ވާހަކައެއް: ހަމީދު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކުރީގެ ސީޕީ ހަމީދު/ފޮޓޯ: ރައީސް އޮފީސް

މާލެ ސަރަހައްދުގައި ކުށް ގިނަ ވުމުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ދެއްކެވީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ވެރިރަށް މާލެ ހިމެނޭ ސަރަހައްދުގައި މި ފަހުން ވައްކަމާއި މީހުނަށް އޮޅުވާލައިގެން ތަންތަނަށް ގެންގޮސް ރަހީނު ކުރުމާއި ބިރު ދައްކައިގެން ފައިސާ ފޭރުން ފަދަ އިންތިޒާމުވެގެން ހިންގާ ކުށް ވަނީ ގިނަވެފަ އެވެ. ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އެހެން މެދުވެރިވީ މިދިޔަ ސަރުކާރުގެ ފަހު ދުވަސްކޮޅު އެއްވެސް އުސޫލެއް ނެތި މާފު ދީގެން 400 އަށް ވުރެ ގިނަ ކުށްވެރިން ޖަލުން ދޫކޮށްލުމުން ކަމަށެވެ.

އޭނާގެ ވާހަކަތަކާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަސް އަހަރު ކޮމިޝަނަރު ކަން ކުރެއްވި ހަމީދު ވިދާޅުވީ ޝިފާން ދެއްކެވި ވާހަކަތަކަކީ ފުލުހުންގެ ހިދުމަތުގެ ތަރުޖަމާނުގެ ހައިސިއްޔަތުގައި ހުންނަވާ ބޭފުޅަކު ދައްކަވައިގެން ނުވާނެ ވާހަކަ ކަމަށެވެ.

"މީގެ ސަބަބުން މިހާރު ވެސް އެ މުއައްސަސާގެ އަދުލުވެރި ކަމާއި ޕްރޮފެޝަނަލިޒަމަށް ރައްޔިތުންގެ އިތުބާރު މިހާރު ވެސް ގެއްލިފައި މި ވަނީ،" ހަމީދު ވިދާޅުވި އެވެ.

ހަމީދު ވަނީ ކޮންމެ ސަރުކާރެއްގައި ވެސް ސިޔާސީ ނުފޫޒު ފޯރުވަން އުޅޭ ކަން ދޭހަވާ މޭރުމަކުން ލިޔުއްވައިފަ އެވެ.

"ބޮޑެތި ކުށްތަކުގައި ދައުވާ ލިބޭ މީހުނާއި އަލުން ކުށްކުރާ މީހުން ޝަރުއީ ބަންދުގައި ބެހެއްޓުމަށް ނުވަތަ ކުށްވެރިންނަށް ޕެރޯލާއި މައާފު ދިނުމަށް މިހާރުގެ ސަރުކާރުންނާއި ކުރީގެ ސަރުކާރުތަކުން ވެސް ނިޒާމުގެ ތެރޭގައި ހުރި ވަސީލަތްތައް އޮޅުވާލައި ނުފޫޒު ފޯރުވަން އުޅުމަކީ އަސްލު ވެސް އޮތް ބޮޑު މައްސަލަ،"

ފުލުހުންގެ މުއައްސަސާއަށް އޮތީ ގޮންޖެހުން ބޮޑު މަސްއޫލިއްޔަތަކާއި މަސައްކަތެއް ކަން ގަބޫލު ކުރައްވާ ކަމަށް ހަމީދު ލިޔުއްވި އެވެ. ސިޔާސީ ނުފޫޒު ހިމެނޭހެން ފުލުހުންނަށް ކިތަންމެ ގިނަ ހުރަސްތަކެއް އޮތް ނަމަވެސް ކުރީން ތިބި ވެރިން ނޫނީ ވަކި ބަޔަކު ގޯސްކޮށްގެން ފަރު ޖައްސައިލުން ހުއްޓާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކިވަކި އިސް އޮފިސަރުން ނުވަތަ މުއައްސަސާއެއްގެ އަޑުގެ ގޮތުގައި ތިބެން ހަވާލުވެފައިވާ ބޭފުޅުން ނުހައްގު ވާޙަކައެއް މި ގޮތަށް ދެއްކެވުމަކީ މާޔޫސް ކަމެއް، އެއީ ނުރައްކާތެރި ކަމެއް، އަދި ރައްޔިތުންނަށް ހިމާޔަތުގެ ހިދުމަތް ދޭން އޮންނަ މުއައްސަސާއެއްގެ އަގު އިތުރަށް ވެއްޓޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ވައްކަމާއި ފޭރުމުގެ 1000 އަށް ވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ވައްކަމުގެ 1680 މައްސަލަ ހުށަހަޅާފައިވާއިރު ފޭރުމުގެ 235 މައްސަލަ ހުށަހަޅާފައިވެ އެވެ.

  1. ސްޓިކް ހައުސް ޒަކިއްޓޭ

    މަށޭ ކިޔާތަ އެމްޑީއެން ބެއްޔާ